މިދިޔަ މަހު ދައުލަތަށް 1.09 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ބުނެފި އެވެ.
އެ އޮތޯރިޓީން އާންމު ކުރި މެއި މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 3.4 ޕަސެންޓް އިތުރު އަދަދެކެވެ. މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 5.5 ޕަސެންޓް ދަށް އަދަދެކެވެ.
މީރާ އިން ބުނީ ވޭތުވެދިޔަ އަހަރުގެ މޭ މަހު ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ މި އަހަރުގެ މޭ މަހުގެ އާމްދަނީ އިތުރުވީ ވޭތުވެދިޔަ އަހަރުގެ މޭ މަހާއި އަޅައިބަލާއިރު ޓޫރިސްޓުން ރާއްޖެ އައިސްފައިވާ މިންވަރު 36.3 ޕަސެންޓު އިތުރުވެފައިވުމު ސަބަބުން ބީޕީޓީ އާއި ޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައި ވުމެވެ.
މި އަހަރުގެ މޭ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ ދައްވެފައިވުމުގެ މައިގަނޑު ސަބަބަކީ ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ލިބިފައި ނުވުން ކަމަށް ވެސް މީރާ އިން ބުޏްޏެވެ.
މިދިޔަ މަހު ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގަ އެވެ. އެއީ 666.90 މިލިއަން ރުފިޔާއެވެ. ދެވަނަ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ބީޕީޓީންނެވެ. އެއީ 95.40 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން، ގްރީން ޓެކުހުގެ ގޮތުގައި 77.66 މިލިއަން ރުފިޔާ އައި އެއާޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 64.84 މިލިއަން ރުފިޔާ، އެއާޕޯޓު ސާވިސް ޗާޖްގެ ގޮތުގައި 64.27 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 116.62 މިލިއަން ރުފިޔާ ލިބުނެވެ.