ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުގެ މުއްދަތު ގުނާނީ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
މި ހުކުމް ހައި ކޯޓުން ނެރެފައިވަނީ މީރާ އިން އެ ކޯޓުގައި އިސްތިއުނާފް ކުރި މައްސަލައެއް ބެލުމަށްފަހު އެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ޓެކްސް މައްސަލަތަކުގައި އިސްތިއުނާފީ މުއްދަތެއްގެ ގޮތުން ކުރިން ކަނޑައަޅާފައި އޮތީ 30 ދުވަހުގެ މުއްދަތެކެވެ. އޭގެ ފަހުން ސުޕްރީމް ކޯޓުން ގާނޫނުގެ އެ މާއްދާ ބާތިލްކޮށް އިސްތިއުނާފީ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅި އެެވެ. އެ މުއްދަތު ގުނަމުން ދިޔައީ ބަންދު ދުވަސްތަކާ ނުލަ އެވެ.
އެ ގާނޫނަށް އަނެއްކާވެސް އިސްލާހު ގެނެސް އިސްތިއުނާފީ މުއްދަތު 30 ދުވަހަށް ބަދަލު ކުރި އެވެ. ނަމަވެސް މުއްދަތު ގުނާނެ ގޮތެއް ކަނޑައަޅާފައެއް ނުވެ އެވެ.
އޭގެފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މުއްދަތަށް އަނެއްކާވެސް ބަދަލު ގެނެސް ޓެކްސް މައްސަލަތައް 60 ދުވަހުގެ ތެރޭ ހައިކޯޓަށް ހުށަހެޅޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. މި އިސްލާހާ އެއްގޮތަށް މިހާރު އަމަލުކުރަމުން އަންނައިރު އެ މުއްދަތު ގުނަމުން ދަނީ ރަސްމީ ބަންދު ދުވަސްތައް ލައިގެންނެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުމެއް މީރާއިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައި ވަނީ އިސްތިއުނާފް މުއްދަތު ގުނާނެ ގޮތް ގާނޫނުގައި ކަނޑައަޅާފައި ނެތް ނަމަވެސް ޓެކްސް ނެގުމާ ބެހޭ އިދާރީ ގަވާއިދު އޮންނަ ގޮތުން އެ ގާނޫނުގައި ބުނާ މުއްދަތުތައް ގުނަން ޖެހޭނީ ބަންދު ދުވަސްތައް ހިމަނައިގެން ކަމަށެވެ.
އެ މައްސަލަ ޓެކްސް އެޕީލް ޓްރިބިއުނަލުން ނިންމާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 19 ވަނަ ދުވަހު އެވެ. މައްސަލަ އިސްތިއުނާފްކުރަން މީރާ އަށް ލިބިފައި އޮތް އެންމެ ފަހު ތާރީހަކީ ނޮވެމްބަރު 18 ވަނަ ދުވެހެވެ. އެކަމަކު މީރާ އިން ހައިކޯޓުގައި މައްސަލަ އިސްތިއުނާފް ކޮށްފައި ވަނީ އެ އަހަރުގެ ޑިސެމްބަރު އަށްވަނަ ދުވަހު އެވެ.
ޓެކްސް ނެގުމުގެ އިދާރީ ގަވައިދުގެ 77 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ، އެ ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު ގާނޫނާއި އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ލައިގެން ކަމަށެވެ. ގާނޫނީ ބާރު ލިބިފައިވާ ގަވާއިދެއްގައި އެގޮތަށް އޮތުމުން އިސްތިއުނާފް މުއްދަތު ގުނުމުގައި ސަރުކާރު ބަންދު ދުވަސްތައް ހިމަނަން ޖެހޭނެ ކަމަށްވެސް ހައިކޯޓުގެ ހުކުމްގައިވެ އެވެ.