ހަބަރު

ޓެކްސް ޓްރައިބިއުނަލްގެ ގާނޫނީ މެމްބަރަކަށް މުނައްވަރު

Aug 25, 2020

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ހުސްވެފައިވާ މަގާމަށް މުހައްމަދު މުނައްވަރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ގާނޫނީ ދާއިރާގެ މެންބަރުކަމުގެ މަގާމު ހުސްވެފައިވަނީ އެމަގާމުގައި ހުންނެވި އާއިޝަތު އަޒްފާ އަބުދުލްޣަފޫރު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރެއްވުމުންނެވެ.

އެ މަގާމަށް މެންބަރަކު އައްޔަންކުރެއްވުމަށްޓަކައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވާފައިވަނީ އއ. މަތިވެރީ، ވެސްޓްބީޗް މުހައްމަދު މުނައްވަރާއި ގ. ނޫމަރާ ވިލާ ޝީރީން ނާހިދާ ލަތީފްގެ ނަމެވެ.

މަޖިލީހުގެ ކޮމިޓީން ހުށަހަޅާ ތަރުތީބާ އެއްގޮތަށް އެންމެ ފުރަތަމަ ވޯޓަށް އަހާފައިވަނީ މުނައްވަރުގެ ނަމެވެ. އޭނާ ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަނުކުރަން ފެންނަކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ.

އެއާއެކު ޝީރީންގެ ނަން ވޯޓަށް ނާހައި، ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ހުސްވެފައިވާ މަގާމަށް މުހައްމަދު މުނައްވަރު އައްޔަނުކުރަން ވަނީ ފާސްކޮށްފަ އެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ.