ހަބަރު

ފަތުހުﷲ އާއި އަސްމާ އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ ޖަމީލް އައްޔަން ކުރަން އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަސްމާ ޝަފީއު އައްޔަން ކުރަން ރުުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަތުހުﷲ އަށް ރުހުން ދިނުމަށް ފާސްކުރީ އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި އެ މަގާމަށް ފަތުހުﷲ އައްޔަން ކުރަން މަޖިލީހުން ރުހުން ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވި އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އައްޔަން ކުރުމަށްޓަކައި ފަތުހުﷲގެ އިތުރުން ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނާޝިދުގެ ނަން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވި އެވެ. އެ ދެ ބޭފުޅުންގެ ނަން ދިރާސާ ކުރުމަށްފަހު، އިގްތިސާދީ ކޮމިޓީން ނިންމީ ހަމައެކަނި ފަތުހުﷲ ނަން ތަޅުމަށް ފޮނުވުމަށެވެ.

ފަތުހުﷲ އަކީ ކުރިން މީރާގެ ސީނިއަ މަގާމުތަކެއް ވެސް ފުރުއްވި ބޭފުޅެކެވެ. އޭނާ 2003 ވަނަ އަހަރު ފުރަތަމަ އަދާކުރެއްވީ މީރާގެ ރެވެނިއު އޮފިސަރުގެ މަގާމެވެ. އޭގެ ފަހުން ސީނިއަ ރެވެނިއު އޮފިސަރު ކަމާއި ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމު ވެސް ފުރުއްވި އެވެ.

އޭގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން މަގާމަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކުރީ ހއ. އިހަވަންދޫ، ވައިޖެހޭގެ، އަސްމާ ޝަފީއު އެވެ.. އޭނާއަށް ރުހުން ދިނުމަށް ފާސް ކުރީ އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 81 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމު ހުސްވީ ޓެކްސްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން ގެނައި އިސްލާހަކާ ގުޅިގެންނެވެ.

އެ އިސްލާހު ތަސްދީގު ކުރައްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޮމިޝަނާ އޮފް ޖެނެރަލް އޮފް ޓެކްޒޭޝަންއާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޓެކްޒޭޝަން ހިމެނިވަޑައިގަންނަވާ ގޮތަށް މީރާގެ ބޯޑު އަލުން އެކުލަވާލަން ޖެހެ އެވެ. އެ މުއްދަތު މި މަހުގެ 12 ވަނަ ދުވަހު ހަމަވެ މިރާ އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގެ އެވެ.

ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޔަޒީދު މުހައްމަދެވެ. ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ހަސަން ޒަރީރެވެ.