މީރާގެ އިސް ދެ މަގާމު ކަމަށްވާ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ނަންފުޅުތަކަށް އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އައްޔަން ކުރަން ރައީސް ފޮނުއްވީ ދެ ނަމެކެވެ. އެއީ މީރާގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ފަތުހުﷲ ޖަމީލް އަދި ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނާޝިދުގެ ނަމެވެ.
ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އައްޔަން ކުރަން ހަ ނަމެއް ރައީސް ފޮނުއްވި އެވެ. އެއީ މުހައްމަދު ސިރާޖު މުނީރާއި، އަސްމާ ޝަފީއުއާއި، އަހްމަދު ޝަރީފާއި، އިސްމާއީލް ސާޖިދާއި، އަހްމަދު ވާފިރުގެ އިތުރުން ހަމްދީ އަގީލް އެވެ.
މަޖިލީހުގެ އިދާރާއިން ރޭ ކުރި އިއުލާނެއްގައި ވަނީ، މީރާގެ އިސް ދެ މާގަމަށް އައްޔަން ކުރަން ރައީސް ފޮނުއްވި ނަންތަކާ މެދު އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ. އެ ނަންތަކާ މެދު ހިޔާލެއް ނޫނީ ޝަކުވާއެއް އޮވެއްޖެނަމަ، އީމެއިލް މެދުވެރިކޮށް ނުވަތަ ސިޓީއެއް މެދުވެރިކޮށް މަޖިލީހަށް ހުށަހެޅޭނެ އެވެ.
މީރާގެ ގާނޫނަށް މިދިޔަ މަހު މަޖިލީހުން ގެނައި އިސްލާހުގައިވާ ގޮތުން، އެ ގާނޫނު ތަސްދީގު ކުރައްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޮމިޝަނާ އޮފް ޖެނެރަލް އޮފް ޓެކްޒޭޝަންއާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޓެކްޒޭޝަން ހިމެނިވަޑައިގަންނަވާ ގޮތަށް މީރާގެ ބޯޑު އަލުން އެކުލަވާލަން ޖެހެ އެވެ. މިދިޔަ ހޮނިހިރު ދުވަހަށް އެ މުއްދަތު ހަމަވިއިރު، މީރާ މިހާރު އޮތީ ގާނޫނީ ހުސް ކަމެއްގަ އެވެ.
ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޔަޒީދު މުހައްމަދެވެ. ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ހަސަން ޒަރީރެވެ. މަޖިލީހުން ފާސްކުރި އިސްލާހު ރައީސް ތަސްދީގު ކުރެއްވުމުން އެ ބޭފުޅުންގެ މަގާމު ވަނީ ގެއްލިފަ އެވެ.