މީރާ

މީރާގެ އޮޑިޓް ނޯޓިސް އިސްތިއުނާފު ނުކުރެވޭނެ: ހައިކޯޓް

ޓެކްސް ދައްކާ ފަރާތްތަކަށް މީރާއިން ފޮނުވާ އޮޑިޓް ނޯޓިހަކާ ގުޅިގެން އެކަން އިސްތިއުނާފު ނުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމައިފި އެވެ. ހައިކޯޓުގެ މި ނިންމުން އައީ ޓްރެވަލް ލޭންޑް ޕްރައިވެޓް ލިމިޓެޑަށް މީރާއިން ފޮނުވި އޮޑިޓް ނޯޓިސް އަކާ ގުޅިގެން، ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ޓްރައިބިއުނަލް އިން ބެލޭނެ ކަމަށް ކަނޑައެޅުމުން، މީރާއިން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމާ ގުޅިގެން، ޓްރައިބިއުނަލްގެ ނިންމުން ބާތިލުކުރުމަށްފަހު އެވެ.

ހައިކޯޓުގެ ހުކުމެއްގައި ބުނަނީ އެ ފުރުސަތު ލިބޭނީ މީރާގެ ނޯޓިސްއާ ގުޅިގެން މީރާއިން ކުރާ އޮޑިޓަކުން އަދަދެއް ކަނޑައެޅުމަށްފަހު އެކަން ޓެކްސް ދައްކާ ފަރާތަށް އެންގުމުން، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކަމަށެވެ.

މި މައްސަލަ ޓްރެވަލް ލޭންޑް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ޓެކްސްގެ މައްސަލަތައް، އިސްތިއުނާފު ކުރުމުގެ ފުރަތަމަ މަރުހަލާގައި، ބެލުމުގެ އިހުތިސޯސް އެ ކޯޓަށް ލިބިގެން ނުވާކަމަށް ނިންމަވާފައެވެ. އަދި އެ ނިންމުން ޓްރެވަލް ލޭންޑް ޕްރައިވެޓް ލިމިޓެޑުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވެސް ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދު ކޮށްފައެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގައި ވާގޮތުން މީރާގެ ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތަކުން އިއުތިރާޒު ކުރާނަމަ ހުށަހަޅަން ޖެހެނީ މީރާއަށެވެ. އެއީ، އެފަދަ ނިންމުމެއް އެންގި ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގަ އެވެ. އެ މައްސަލަ މީރާއިން ބެލުމަށްފަހު، ނިންމި ގޮތާމެދު ހިތްހަމަ ނުޖެހޭނަމަ، އެ ނިންމުން އެންގި ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފު ކުރެވިދާނެއެވެ. ނަމަވެސް އެއީ، އެ ވަގުތަކަށް އެ ފަރާތުން ދައްކަންޖެހޭ އެންމެހައި ފައިސާ ދެއްކުމަށް ފަހު އެވެ.