މީރާ

ޓެކުހުގެ ގާނޫނު ތަންފީޒުކުރަން ފުލުހުންނާއެކު މީރާ މަޝްވަރާ ކޮށްފި

Oct 30, 2016

ޓެކުހުގެ ގާނޫނާއި ގަވާއިދުތައް ތަންފީޒްކޮށް ޓެކުހުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން މޯލްޑިވްސް އިންލެންޑް ރެެވެނިއު އޮތޯރިޓީ (މީރާ) އިން ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި ފޮރެންސިކް ހިދުމަތްތަކާބެހޭ ވެރިން ހިމެނޭ ގޮތަށް ބޭއްވި އެ މަޝްވަރާ ބައްދަލުވުމަކީ، މީރާއިން ތަހުގީގު ކުރާ ޓެކުހާބެހޭ އެކި މައްސަލަތަކުގައި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުންދޭ ހިދުމަތުގެ ބޭނުން ހިފޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

ބައްދަލުވުމުގައި ޓެކުހާ ގުޅޭ މައްސަލަތަކުގައި ފުލުހުންގެ ހިދުމަތް ބޭނުން ކުރެވިދާނެ ގޮތްތައް ދެނެގަނެ ދެ މުއައްސަސާ ގުޅިގެން ތަހުގީގު ކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައި ވެއެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި މީރާގެ މުވައްޒަފުން އިތުރަށް ހަރުދަނާކުރުމަށް ދޭންޖެހޭ ތަމްރީންތައް ފުލުހުންގެ އިންސްޓިޓިއުޓް ފޮ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް އާއި ގުޅިގެން ފަރުމާކުރުމާއި ބެހޭގޮތުން ވެސް މަޝްވަރާތައް ކުރި އެވެ.