ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް، އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލާ ރައީސް އޮފީހަށް މިއަދު ފޮނުވައިފި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު އިސްލާހު ކުރުމުގެ ބޭނުމަކީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާއި، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޖަވާބުދާރީ ކުރެވޭނެ އަދި މިހާރަށްވުރެ ހާމަކަން ބޮޑު ނިޒާމެއް ތައާރަފު ކުރުން ކަމުގަ އެވެ. އަދި، ޓެކްސް ދައްކާ ފަރާތްތަކަށް މިހާރަށްވުރެ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ކަމަށް އެ ބަޔާނުގައި ވެ އެވެ.
މިއަދު ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، މައިގަނޑު ހަތަރު ކަަމެއް ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން، ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާ ތަމްސީލު ކުރާނެ ފަރާތެއް މީރާގެ ބޯޑުގައި މިހާރު ހިމެނިފައި ނުވާތީ އެފަދަ ފަރާތެއް އެ ބޯޑުގައި ހިމަނާ ބޯޑު އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާއެކު ބޯޑުގެ ހިންގުމުގެ ނިޒާމު ބަދަލު ކުރުމާއި ކޮމިޝަނާ އާއި ޑެޕިއުޓީ ކޮމިޝަނާގެ މަގާމުގެ މުއްދަތެއް މިހާރު ކަނޑައެޅިފައި ނެތުމުން އެ ދެ މަގާމުގެ މުއްދަތެއް ކަނޑައެޅުން ހިމެނެ އެވެ. އަދި އެ ދެ މަގާމުގައި ތިއްބަވާ ބޭފުޅުންގެ މުދަލާއި ފައިސާގެ ބަޔާން އޮޑިޓާ ޖެނެރަލަށް ހުށަހަޅަންޖެހޭ ގޮތަށް ވެސް އެ ބިލުގައި ހިމަނާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ، މީރާގެ ނުވަތަ ކޮމިޝަނާ ޖެނެރަލްގެ ނިންމުމަކަށް އިއުތިރާޟްކޮށް މީރާއަށް މައްސަލަ ހުށަހެޅޭ ގޮތަށް މިހާރު އޮތް ނަމަވެސް، އެފަދަ ނިންމުމަކާމެދު މީރާއިން ގޮތެއް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ކަނޑައެޅިފައި ނުވާތީ އޭގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލު ކުުރުމަށް ގާނޫނުގައި މުއްދަތެއް ކަނޑައަޅައި މުއްދަތުގެ ތެރޭގައި މީރާއިން ގޮތެއް ނިންމަން ލާޒިމް ކުރުން ހިމެނަން ޖެހޭ ކަމަށެވެ.
އަދި، ޓެކްސްގެ ގޮތުގައި ދައްކަން މީރާ އިން ކަނޑައަޅާ މިންވަރާ މެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން އެ އަދަަދު އެކުގައި ދައްކާ ހަލާސްކުރުމަށްފަހު ނޫނީ ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް މައްސަލަ ހުށަނޭޅޭ ގޮތަށް މިހާރު އޮތް ކަމުގައިވިޔަސް، އޭގެ ބަަދަލުގައި ޓެކްސް ދައްކާ ފަރާތްތަކުން އަދަދުގެ 30 ޕަސެންޓު ދެއްކުމަށްފަހު ޓްރައިބިއުނަލް އަށް މައްސަލަ ހުށަހެޅޭ ގޮތަށް ހަމަޖެއްސުމެވެ.
އަދި، ޓެކުހާ ބެހޭ ރޫލިންތައް ނެރުމުގެ އުސޫލުތަކަށް ވެސް ބަދަލުތައް ގެންނަން އެ ބިލުގައި ހިމަނާފައިވާނެ ކަމަށް ބަޔާނުގައި ވެ އެވެ.