ހަބަރު

ޖޫރިމަނާ ފައިސާ ރައީސް ޔާމީން އަދިވެސް ނުދައްކަވާ

Oct 7, 2020
1

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުލަތަށް ދައްކަންޖެހި ވަޑައިގަންނަވާ ޖޫރިމަނާގެ ފައިސާ އަދިވެސް ނުދައްކަވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑަރިންގެ އަމަލެއް ހިންގުމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާ ފަސް އަހަރަށް އެމަނިކުފާނު ޖަލަށް ލުމާއެކު ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ނޮވެންބަރު 28، 2019 ގައި ވަނީ ހުކުމްކޮށްފަ އެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ހަދާ ފައިވާ ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަހައްޓައިވާ ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެންފައިވާއިރު، އިތުރު ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މަކުނުދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ރާއީ ވަނީ އެ ފައިސާ ރައީސް ޔާމީން ދައްކަވާފައިވޭތޯ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ރައީސް ޔާމީން މިހާތަނަށް އެ ފައިސާ ދައްކަވާފައިނުވާ ކަމަށާއި، އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައީސް ޔާމީން ފައިސާ ދެއްވިކަން އެނގިފައި ނުވޭ، ދައުލަތުގެ އެންފޯސްމަންޓް މެކޭނިޒަމްގެ ތެރެއިން އެ [ފައިސާ އަނބުރާ ހޯދުމުގެ] މަސައްކަތް ކުރަމުން ގެންދަން،" އަމީރު ވިދާޅުވި އެވެ.

ރައީސް ޔާމީން އެ ފައިސާ ދައްކަވާފައި ނުވާތީ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު ގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް ޖޫރިމަނާ ފައިސާ ހޯދަން އެ މައްސަލައިގެ ލިޔެކިޔުންތައް ބަންޑާރަ ނައިބުގެ އޮފީހުން މިދިއަ އޯގަސްޓު މަހު ވަނީ މީރާއަށް ވެސް ފޮނުވައިފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ގެ 188 ވަނަ މާއްދާގެ (ހ) ގައި، ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން ކުރި ހުކުމުގައިވާ އަދަބަކީ ޖޫރިމަނާ ކުރުން ކަމުގައިވާނަމަ، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް އެ ޖޫރިމަނާ ދައްކަންޖެހެ އެވެ. އަދި އެ މާއްދާގެ އަކުރު (ނ) ގައި، ބަޔާންކޮށްފައިވާ ގޮތަށް ޖޫރިމަނާ ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދަން ދައުލަތުން އަމަލުކުރާ އުސުލުން އެ ފައިސާ ދައުލަތަށް ނަގަންވާނެ ކަމަށް ބަޔާން ކުރެ އެވެ.