އިގްތިސޯދު

ވިއްކާލާ ރިސޯޓުތަކުން ދައުލަތަށް ލޯލާރިއެއް ވެސް ނުލިބޭ!

ކެޕިޓަލް ގެއިން ޓެކްހެއް ރާއްޖޭގްއި ޕްރެކްޓިސް ނުކުރުމުގެ ސަބަބުން ލިބެމުންދާ މާލީ ގެއްލުން ދައްކުވައިދޭ ވީޑިއޯ ރިޕޯޓް | އަވަސް

ރާއްޖޭގެ ތާރީހުގައި ތާރީހުގައި ހިންގި އެންމެ ބޮޑު ވިޔަފާރީގެ މުއާމަލާތަކީ ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ބްލެކްސްޓޯން ކުންފުނިން އެ ގައުމު ބައިން ކެޕިޓަލް ކުންފުންޏަށް ވިއްކާލުމެވެ. ދެހާސް ސަތާރަ ވަނަ އަހަރު ހިންގި އެ ބިޔަ މުއާމަލާތުގެ އަގު 550 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 8.4 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. އެއާއެކު ދުނިޔޭގެ އިންވެސްޓަރުންގެ ލޯ ރާއްޖެއަށް އަމާޒުވެ ރާއްޖޭގެ ޕްރޮޕަޓީތައް ގަނެ، ވިއްކުމުގެ ބޮޑު ބާޒާރެއް އުފެދިގެން ދިޔަ އެވެ. ރިސޯޓު ތަަރައްގީކޮށް، ފައިދާ ނެރުމަށް ފަހު ވިއްކާލުމަކީ ބޮޑު ވިޔަފާރިއަކަށްވި އެވެ.

އެ ފަދަ ހަބަރުތައް ކިޔައި ގިނަ ބަޔަކު އުފާކޮށް، އަތް ޖަހާ ހެދި ނަމަވެސް ހަގީގަތުގައި އެފަދަ ބޮޑެތި މުއާމަލާތް ތަކުން ރާއްޖެއަށް، ދިވެހި ދައުލަތަށް އެއްވެސް ފައިދާއެއް ހޯދިފައެއް ނެތެވެ. އަމުދުން މި ފަދަ މުއާމަލާތް ތަކުން ދައުލަތުގެ އާމްދަނީއަށް ލޯލާރިއެއް ވެސް ނުވަދެ އެވެ. އެކަމަކު އެއީ ކީއް ވެގެން ހެއްޔެވެ ؟

ދުނިޔޭގެ މަޝްހޫރު އެކައުންޓިން ފާމް، ކްރޯ ގްލޯބަލްގެ ރާއްޖޭގެ ކުންފުނި، ކްރޯ މޯލްޑިވްސްގެ މެނޭޖިންގް ޕާޓްނަ ހަސަން މުހައްމަދު ވިދާޅުވި ގޮތުގައި ރިސޯޓެއް ވިއްކާލިއަސް މިހާރު ރާއްޖެއަށް ޓެކުހުގެ އާމްދަނީއެއް ނުލިބެ އެވެ.

"އެހެން ވެފައި ވަނީ ކެޕިޓަލް ގެއިން ޓެކްސް ނެތީމަ. މިއީ ވަރަށް ބޮޑު އާމްދަނީއެއް ދިވެހި ދައުލަތަށް ގެއްލިގެންދާ،"

ދެން އޮތް ސުވާލަކަށް ވާނީ ފައިދާ ނެރުމަށް ފަހު އެހެންވިއްޔާ ރާއްޖޭގައި އަހަރަކު ކިތައް ރިސޯޓު ވިއްކާލާ ހެއްޔެވެ؟ ރާއްޖޭގައި ރިސޯޓެއްގެ އާންމު އަގު އެނގޭ ހެއްޔެވެ؟ މިހާތަނަށް މިފަދަ މައުލޫމާތު ތަކަކީ ސަރުކާރުން އާއްމު ކުރާ އެއްޗެއް ނޫނެވެ. އެންމެ ކުޑަ މިނުން މިވެނި ރިސޯޓެއް ވިއްކާލިއޭ ވެސް ސަރުކާރަކުން ނުބުނާނެ އެވެ. އެހެންވެ އެފަދަ ބޮޑެތި މުއާމަލާތްތައް ހިނގަނީ މޭޒުގެ ދަށުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތެރެއިން އަވަސް އަށް ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު، ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގައި 106 ރިސޯޓެއް ފައިދާ ނެރުމަށްފަހު ވިއްކާލާފައި ވެއެވެ. މީގެ އިތުރުން މެނޭޖުމަންޓް ވިއްކާލުމާއި މަތީ ފަންތީގެ ވިލާތައް ހަދައި މަހުޖަނުނަށް ވިއްކުމަކީ ރާއްޖޭގައި އާއްމު ވިޔަފާރި މުއާމަލާތެކެވެ.

ހޯދިފައިވާ ޔަގީން އެ މައުލޫމާތު ތަކުން އެނގޭ ގޮތުގައި އާއްމު ގޮތެއްގައި ރާއްޖޭގައި އަހަރަކު ދެ ރިސޯޓު ވިއްކާލަ އެވެ. އެ މުއާމަލާތްތަކުގެ އަގު އުޅެނީ 50 މިލިއަން ޑޮލަރާއި 90 މިލިއަން ޑޮލަރާ ދެމެދުގަ އެވެ. އެހެންނަމަވެސް މި މުއާމަލާތްތަކަކީ މޭޒު ދަށުން ހިނގާ ބޮޑެތި ސިއްރުތަކެވެ. މިއިން އެއްވެސް މުއާމަލާތެއްގެ ހަމަ އަގެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ރާއްޖޭގެ ޕްރޮޕަޓީއެއް ވިއްކި ނަމަވެސް އެއިން މުއާމަލާތެއްގެ އަގު ސަރުކާރަކަށް ނޭނގެ އެވެ. އެދިމާއިން ސަރުކާރުގެ ލޯ އަބަދުވެސް "ކަނު" ވެއެވެ.

އެހެންވެ، އެފަދަ މުއާމަލާތްތަކުގެ އަގު އެތައް ބިލިއަން ޑޮލަރަކަށް އެރުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކީ ރާއްޖޭގައި ރިސޯޓެއް ހަދައި ހަ އަހަރާއި 10 އަހަރުގެ ތެރޭގައި އިންވެސްޓްމަންޓް ކަވަރުކޮށް ގިނަ ތަންތަނުގެ މެނޭޖުމަންޓާއި ޕްރޮޕަޓީ ވިއްކާލާފައިވާތީ އެވެ. އެ މުއާމަލާތްތައް ހިންގާފައި ވަނީ ރާއްޖޭން ބޭރުގަ އެވެ. އަދި އެއީ ވަރަށް ބޮޑު ސިއްރުތަކެވެ.

ތާރީހުގައި ރާއްޖޭގައި މިހާތަނަށް ހިންގި ވިޔަފާރީގެ އެންމެ ބޮޑު މުއާމަލާތަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ނެޓްވޯކް ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އޮންނަ އެމެރިކާގެ ބްލެކްސްޓޯން ކުންފުނިން، އެ ގައުމުގެ ބައިން ކެޕިޓަލް އާއި ޗައިނާގެ ޓެމްޕަސް ގްރޫޕަށް ވިއްކާލުމެވެ.

ފައިނޭންޝަލް ޓައިމްސްގައި ބުނެފައިވާ ގޮތުން އެ ކުންފުނިން ޓީއެމްއޭގެ ހިއްސާ ގަންނަން ހުށަހެޅީ 550 މިލިއަން ޑޮލަރު (ގާތްގަނަކަށް 8.4 ބިލިއަން ރުފިޔާ) އެވެ. އޭގެ ފަހުން ވެސް ރާއްޖޭގައި މިފަދަ ބިޔަ މާލީ ބޮޑެތި މުއާމަލާ ތަކެއް ހިންގި އެވެ. ހާއްސަކޮށް ބޮޑު އަގުގައި ވިއްކާލީ ރިސޯޓުތަކުގެ އަދަދު ވަރަށް ގިނަ އެވެ.

މި ފަދަ އެންމެ މަޝްހޫރު އެއް މުއާމަލާތަކީ ކްރައުން ކުންފުނިން ހިންގާ ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓު ބްލެކްސްޓޯ އަށް ވިއްކާލުމެވެ. މި އަހަރުގެ ޖެނުއަރީ މަހު މި ރިސޯޓު ވިއްކާލީ ބޮޑު މަރާމާތެއް ވެސް ކުރުމަށްފަހު އެވެ. ނަމަވެސް ވިއްކާލި އަގެއް އެއްވެސް ދިމާއަކުން އެއްވެސް ބަޔަކަށް ނޭނގެ އެވެ.

އެކަމަކު އެނގޭ ކަމަކީ ރިސޯޓު ވިއްކާލީ ބޮޑު މަރާމާތަކަށްފަހު ކަމެވެ. އެހެންވެ އަގު ހުންނާނީ ވަރަށް ބޮޑަށް މަތިކޮށްފަ އެވެ. ބ. އަތޮޅުގައި ހިންގާ ފިނޮޅު މޯލްޑިވްސް ރިސޯޓް ވަނީ ޖަރުމަނުގެ ސީސައިޑް ހޮޓެލްސް އަށް 90 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާ) އަށް ވިއްކާލާފަ އެވެ. ފަހުން ފެތުރިފައިވާ އަޑުތައް ބުނާ ގޮތުގައި ބްލެކްސްޓޯން ކުންފުނިން ވަނީ އަނަންތަރާ އިން މާލެ އަތޮޅުގައި ހިންގާ ތިން ރިސޯޓެއް ގަނެފަ އެވެ.

ހާމަވި ބައެއް މުއާމަލާތްތަކާއި ބައެއް އަދަދު

  • ޓީއެމްއޭގެ ހިއްސާ ވިއްކުން 500 މިލިއަން ޑޮލަރު
  • ރަންގަލި ރިސޯޓު ވިއްކާލުން: އަގު ނޭނގެ
  • ފިނޮޅު ރިސޯޓު ވިއްކާލުން 90 މިލިއަން ޑޮލަރު
  • ބްލެކްސްޓޯން ކުންފުނިން ތިން ރަށް ގަތުން

ޕްރޮޕަޓީ ވިއްކުމުގައި ހަރަކާތްތެރިވާ ކޮންސަލްޓަންސީ ފާމް ސިންގަޕޫރުގެ ޖޭއެލްއެލް ހޮޓެލްސް އެންޑް ހޮސްޕިޓަލިޓީ އިން ބުނެފައިވާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ހިންގި ޕްރޮޕަޓީ ވިއްކުމުގެ މުއާމަލާތްތަކުގެ އަގު ހަތް ބިލިއަން ރުފިޔާ އަށް އަރަ އެވެ.

އެ ކުންފުނިން ބުނާ ގޮތުގައި މީގެ ކުރިން ރާއްޖޭގެ ރިސޯޓުތައް ގަންނަނީ އޭޝިއާގެ އިންވެސްޓަރުންނެވެ. ނަމަވެސް މިކަން ބަދަލުވެ ޔޫރަޕުގެ މަޝްހޫރު އިންވެސްޓަރުން ރާއްޖޭގެ ރިސޯޓުތައް ގަންނަން ފަށާފައިވާކަން އެ ކުންފުންޏަށް މިހާރު ފާހަގަ ވެއެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް އޭޝިއާ އިން ބޭރުގެ އިންވެސްޓަރުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ހިންގި މިފަދަ މުއާމަލާތްތަކުގެ އަގު 300 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4.6 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. ނަމަވެސް މި މުއާމަލާތް ތަކުން އެންމެ ފައިސާ ފޮއްޗެއް ވެސް ދިވެހި ރާއްޖެއަކަށް ދިވެހި ރައްޔިތުންނަކަށް ނުލިބެ އެވެ. އެ ހުރިހާ ޑޮލަރެއް ރާއްޖެއިން ބޭރުވެގެން ދަނީ އެވެ.

ބޮޑެތި މުއާމަލާތްތަކުން ދައުލަތަށް އާމްދަނީ ނުލިބުނެއް ކަމަކު އާއްމު ރައްޔިތުން ވިއްކާ ބިންތަކުން ޓެކްސް ނަގަ އެވެ. ރާއްޖޭގައި ގެއެއް ނޫނީ ބިމެއް ވިއްކާލާނަމަ އެއްން ޓެކުހެއް ނަގަ އެވެ. ނަމަވެސް މިހާރު ނަގާ ލޭންޑް ސޭލްސް ޓެކުހުން ދައުލަތަށް ލިބެނީ ނިސްބަތުން އަހަރަކު ކުޑަކުޑަ އާމްދަނީއެކެވެ. ހިސާބުތައް ބަލާލާއިރު ލޭންޑް ސޭލްސް ޓެކުހުން އެވްރެޖު ގޮތެއްގައި އަހަރަކު ލިބެނީ 90 ވަރަކަށް މިލިއަން ރުފިޔާ އެވެ.

ފަސް އަހަރުގެ ލޭންޑް ސޭލްސް ޓެކްސް

  • 2014: 28 މިލިއަން ރުފިޔާ
  • 2015: 29 މިލިއަން ރުފިޔާ
  • 2016: 23 މިލިއަން ރުފިޔާ
  • 2017: 93 މިލިއަން ރުފިޔާ
  • 2018: 38 މިލިއަން ރުފިޔާ

ރާއްޖޭގެ އިގްތިސޯދަށް އަދި ވިޔަފާރިއަށް މިއީ އިންސާފެއް ހެއްޔެވެ؟ އެންމެ އާދައިގެ ރައްޔިތުން މީހާ ވިއްކާލާ ބިން ކައިވަރުން ބޮޑު ޓެކްހެއް ނަގާފައި މަހުޖަނު ވިއްކާ ބިމުން ފައިދާއެއް ދައުލަތަށް ނުލިބި ހިލޭ އޮންނަ އުސޫލަކީ ވަރަށް ބޮޑު އިހުމާލެއް އަދި ތަފާތު ކުރުމެވެ.

މިއީ ފަހަރުގައި ގަސްތުގައި ކޮށްފައިވާ ކަމަކަށްވުން ވަރަށް ކައިރި އެވެ. ރާއްޖޭގެ ޓޫރިޒަމްގެ 47 އަހަރުވީ ތާރީހުގައި ވިއްކި ރިސޯޓު ތަކުން ދައުލަތަށް އެތައް ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ނުލިބި ގެއްލި، ގައުމުން ބޭރުވެފައިވެ އެވެ. މިއީ ދިވެހި ދައުލަތަށް ލިބިފައިވާ އިއާދަ ނުކުރެވޭނެ މާލީ ގެއްލުމެކެވެ.

އިންކަމް ޓެކްސް ބިލުގައި ހައްލެއް

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރެއިން މިހާރު އައިސްފައިވާ އިންކަމް ޓެކްސް ބިލުގެ ސަބަބުން މި މައްސަލަ އަށް ހައްލެއް ގެނެވިދާނެ އެވެ. އެކަމަކު މި ވާހަކަ މިދައްކަނީ ކިތައް އަހަރު ފަހުން ކިތައް ބިލިއަން ޑޮލަރު ގެއްލުނު ފަހުން ހެއްޔެވެ؟

ފިނޭންސް މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސެލްޓެންޓް އަރުޝަދު ޖަމީލް އަވަސް އަށް ވިދާޅުވި ގޮތުގައި މިހާރު މަޖިލީހުގައި އޮތް އިންކަމް ޓެކްސް ބިލުގައި މި ގޮތަށް ވިއްކާލާ ޕްރޮޕަޓީތަކުން ދައުލަތަށް އާމްދަނީ ހޯދަން "ކެޕިޓަލް ގެއިން ޓެކްސް" ހިމަނާފައިވާނެ އެވެ.

"ކެޕިޓަލް ގެއިން ޓެކްސް ލީމަ، އެއްވެސް މުދަލެއް ނޫނީ އެގްރީމެންޓެއް ވިއަސް ވިއްކާލާނަމަ ޓެކްސް ނަގާނެ. ރިސޯޓެއް ދީފައި އޮންނަ ރަށަކީ ހުރިހާ ރައްޔިތުންގެ މުދަލެއް. މީގައި ކޮންޓްރެކްޓް ވިއްކާލުން ވެސް ވާނީ ކެޕިޓަލްގެއިން އަށް. ރާއްޖޭގައި ފަރުދުންގެ ބިމަށް ވުރެ މާ އަގު ބޮޑުކޮށް ރިސޯޓު ވިއްކަނީ. އެހެންވެ މި ޓެކްސް ނެގޭނީ ރިސޯޓު ހޯދަން ކުރި ހަަރަދު ކަނޑާފަ އާމްދަނީ އިން ޕްރޮފިޓަޓް ލިބޭ ފައިދާ އަށް،" އަރުޝަދު ވިދާޅުވި އެވެ.

ރިސޯޓެއް ދީފައި އޮންނަ ރަށަކީ ހުރިހާ ރަށްޔިތުންގެ މުދަލެއް. މީގައި ކޮންޓްރެކްޓް ވިއްކާލުން ވެސް ވާނީ ކެޕިޓަލްގެއިން އަށް. ރާއްޖޭގައި ފަރުދުންގެ ބިމަށް ވުރެ މާ އަގު ބޮޑުކޮށް ރިސޯޓު ވިއްކަނީ. އެހެންވެ މި ޓެކްސް ނެގޭނީ ރިސޯޓު ހޯދަން ކުރި ހަަރަދު ކަނޑާފަ އާމްދަނީ އިން ޕްރޮފިޓަޓް ލިބޭ ފައިދާއަށް،
އަރުޝަދު ޖަމީލް | ޓެކްސް ޕޮލިސީ ކޮންސެލްޓަންޓް

ސަރުކާރުން ލަފާ ކޮށްފައިވާ ގޮތުގައި އިންކަމް ޓެކުހުން އަހަރަކު 600 މިލިއަން ރުފިޔާވަރު ހޯދޭނެ އެވެ. ނަަމަވެސް ރިސޯޓު ވިއްކުން ފަދަ ބޮޑެތި މުއާމަލާތްތައް މި ޓެކުހުގައި ހިމަނައި ކެޕިޓަލް ގެއިން ނަގަން ފެށުމުން އެ އާމްދަނީ މަތިވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި އެއީ ދިވެހި ދައުލަތް މުއްސަނދިދާނެ އަދި އާއްމު ރައްޔިތުންނަށް ބޭނުންވާ ހިދުމަތާއި ތަރައްގީ ހޯދަން ރިޒާވަށް އިތުރުވާ ފައިސާ އެކެވެ.

އަރުޝަދު ވިދާޅުވި ގޮތުގައި ރިސޯޓު ވިއްކައިގެން ވެސް 15 ޕަސެންޓް ނަގާނެ އެވެ. އެހެންކަމުން ލަފާކޮށްފައިވާ 600 މިލިއަން ރުފިޔާގެ އާމްދަނީ އިތުރުވުމުގެ ފުރުސަތު އޮންނާނެ އެވެ.

"މިހާރު މައުލޫމާތު ހޯދަން ދަތި. މިހާރު މި އެނގެނީ ނޫސް ތަކުން. އެހެންވެ ހިސާބު ހަދަން ދަތި ވަނީ... ޓެކްސް ނަގަން ފެށުމުން އެ ސާފުކޮށް އެނގެން ފަށާނީ. ރިސޯޓެއް ވިއްކުމުގެ ޓްރާންސެކްޝަންތައް ވަަރަށް ބޮޑު. އެހެންވެ، މީގެ ދެތިން މުއާމަލާތް ހިނގާއިރަށް ވެސް އާމްދަނީގެ ބޮޑު ބައެއް ބޮޑުތަނުން އިތުރުވާނެ،" އަރުޝަދު ވިދާޅުވި އެވެ

ކެޕިޓަލް ގެއިން ޓެކުހާއެކު ދައުލަތަށް ކިހާވަރެއްގެ އާމްދަނީއެއް ލިބިދާނެ ހެއްޔެވެ ؟

އެވްރެޖު ގޮތެއްގައި އަހަރަކު ދެ ރިސޯޓް ވިއްކާލާނެ ކަމަށް އަންދާޒާ ކުރެވިދާނެ އެވެ. ޓްރެންޑް ހުރި ގޮތުން މި ގޮތަށް ހިސާބު ޖަހައިގެން ބަލާނަމަ 15 ޕަސެންޓުގެ ޓެކުހެއް ނެގި ނަމަވެސް ކޮންމެ މުއާމަލާތަކުން 100 މިލިއަން ރުފިޔާއާ ގާތަށް ދައުލަތަށް ލިބޭނެ އެވެ. ދެ ރިސޯޓު ވިއްކާލި ނަމަވެސް އާމްދަނީގެ ގޮތުގައި ދައުލަތަށް 200 މިލިއަން ރުފިޔާ އަހަރަކު ލިބޭނެ އެވެ. މި ދާއިރާ އިން އާމްދަނީ އިތުރުވުމާއި މަދުވުން ބިނާވެފައި ވާނީ ކުރެވޭ މުއާމަލާތްތަކުގެ މައްޗަށެވެ. އެހެންވެ މިހާރު ރާއްޖޭން ބޭރު ވެގެންދާ ބޮޑު އާމްދަނީ އެއް އިންކަމް ޓެކުހާއެކު، ރާއްޖޭގައި ހިފެހެއްޓުމުގެ މަގު ފަހި ވެގެންދާނެ އެވެ. މިއީ މިހާރު ވިއްކާލާ ރިސޯޓުތަކުން ލޯލާރި ނުލި ދާދިއުން ހުއްޓި އާމްދަނީ އިތުރުވާނެ މަގެކެވެ.