އައިޓީބީ ފެއާ

ދިވެހި ސަގާފީ ހަރަކާތްތަކުން އައިޓީބީ ފަޅުފިލުވައިދީފި

Mar 9, 2016
  • އައިޓީބީ ފެއާގައި ރާއްޖޭގެ ގިނަ ހަރަކާތްތަކެއް ހުށަހައިދިން
  • މި ފެއާގައި ރާއްޖޭގެ 200 އޮފިޝަލުން ހިމެނޭ
  • ފެއާގައި ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކު ބައިވެރިވޭ

އައިޓީބީ ފެއާގައި ރާއްޖޭން ރޭ ހުށަހަޅައިދިން ސަގާފީ ގިނަ ހަރަކާތްތަކާއެކު ފެއާ ފަޅުފިލުވައިދީފި އެވެ.

ޖަރުމަނުގެ ވެރިރަށް ބާލިންގައި މިހާރު ކުރިއަށްދާ އައިޓީބީ ފެއާގައި އޮންނަ "ގާލާ ނައިޓް" ގައި ރާއްޖޭން ރޭވަނީ ފަރި ހަރަކާތްތަކެއް ދައްކުވައިދީފަ އެވެ. ރާއްޖޭގެ މަޝްހޫރު ފަންނާނުންގެ ހުނަރުން ފުރިގެންދާ ހަރަކާތްކާއެކު ކުރިއަށް ދިޔަ މި ހަފުލާ ބަލައިލުމަށް ގިނަ ބަޔަކަށް ދައުވަތު ދީފައިވެ އެވެ. މިގޮތުން ދައުވަތުދިން ފަރާތްތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ޓްރެވަލް ނޫސްވެރިންނާއި ޓޫރިޒަމް ސިނާއަތުގައި ދުނިޔޭގެ މަޝްހޫރު މީހުން ހިމެނެ އެވެ.

ރާއްޖޭން ދައުވަތު ދިން "ގާލާ ސެރެމަނީ" އަށް 2،500 މީހުންނަށް ދައުވަތު ދީފައިވެ އެވެ. މި ހަފުލާގައި ރާއްޖޭގެ ގިނަ އަދަދެއްގެ ފަންނާނުންގެ ހުށަހެޅުންތައް ފެނުނުއިރު އެންމެ ފާހަގަކޮށްލެވުނު އެއް ހަރަކާތަކީ ތިއޭޓާ މިރާޖުން ގެނެސްދިން ހިތްގައިމު ހަރަކާތެވެ. މި ހަރަކާތުގައި އިހު ޒަމާނުގައި ދިވެހިންގެ މަސައްކަތްތެރިކަން ހުރި ގޮތް ފެނިގެން ދިޔަ އެވެ.

މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއާގެ ހޮސްޓް ކަންޓްރީގެ ހައިސިއްޔަތުން ރާއްޖޭގެ 57 ފަންނާނުން މި ފެއާގައި ބައިވެރިވަމުންދެ އެވެ. މި ފަންނާނުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ބައެއް ލަވަކިޔުންތެރިން ވެސް ހިމެނެ އެވެ. މި ހުރިހާ ހަރަކާތްތަކެއް ހުށަހަޅައިދެމުން ދިޔައިރު ފެނިގެން ގޮސްފައިވަނީ ދިވެހި ވަންތަކަމެވެ. މި ފެއާގައި ރާއްޖޭގެ 200 އޮފިޝަލުން ބައިވެރިވެފައިވެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި އައިޓީބީ ފެއާގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް މުޅި ދުނިޔޭގައި އިޝްތިހާރު ވެގެންދާނެ ކަމަށެވެ. އައިޓީބީ ފެއާ ހުޅުވުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން ދޭއް ޖަހާއިރު އެވެ.