އެޗްޑީސީ

އާބަން އައިލްގެ ޗެނަލް ބްރިޖާއެކު ހުޅުމާލޭގައި އާޓިފިޝަލް ބީޗެއް

ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ހުޅުމާލޭގެ ޓޫރިޒަމް އައިލެންޑް "އާބަން އައިލް" ގުޅުވާލާ ޗެނަލް ބްރިޖު ހުޅުވާ، އެ ސަރަހައްދުގައި އާޓިފިޝަލް ބީޗެއް ހެދުމުގެ މަސައްކަތް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.

އާޓިފިޝަލް ބީޗުގެ މަސައްކަތުގެ ތަފްސީލް އެޗްޑީސީން އަދި އާންމުކޮށްފައެއް ނުވެ އެވެ.

ނަމަވެސް އެ ކުންފުނިން ސޯޝަލް މީޑިއާ ޕްލެޓްފޯމު "އެކްސް"ގައި އާންމުކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި ހުޅުމާލެ ފޭސް ދޭއްގެ އެންމެ އުތުރަށް އޮންނަ ސަރަހައްދުގައި އާޓިފިޝަލް ބީޗު ހެދުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ.

މިއީ "އާބަން އައިލް" މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

"އާބަން އައިލް" އަށް 100،000 އަކަފޫޓުގެ ބިމެއް ހާއްސަކޮށްފައިވާއިރު، އެ ސަރަހައްދުގައި އަޕްސްކޭލް ހޮޓެލް ތަކާއި މިޑްސްކޭލް ހޮޓެލްތަކުގެ ސިޓީ ހޮޓެލްތައްވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ. އަދި ސާވިސްޑް އެޕާޓްމަންޓްތަކާއި މުނިފޫހިފިލުވުމުގެ ފެސިލިޓީތައްވެސް ގާއިމުކުރުމަށް ނިންމާފައިވެ އެވެ.