ޑރ. މުހައްމަދު މުއިއްޒު

ހާލަތު ރަނގަޅު ނުވަނީސް ބްރިޖުން ފީ ނެގުމަކީ ސިޔާސަތެއް ނޫން: ރައީސް މުއިއްޒު

ސިނަމާލެ ބްރިޖުން ފީ ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ރޭ އިއުލާނުކުރި "މާލެފަހި" ޕްލޭންގައި ސިނަމާލެ ބްރިޖުން ޓޯލް ފީ ނެގުމަށް ދިރާސާއެއްކުރަން ހިމަނާފައި ވަނިކޮށެވެ.

"ބްރިޖް އިން ޓޯލް ނެގުމަކީ އަޅުގަނޑު ގެ ސިޔާސަތެއްނޫން،" އެކްސްގައި ރައީސް މުއިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި "މާލެފަހި" ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އެމަނިކުފާނަށް އެރުވުމަށެވެ.

ރައީސް ވިދާޅުވީ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުމެއް ލިބުނު ނަމަވެސް މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގެ މައްސަލަ ހައްލުވުމުގެ ކުރިން އަދި ގައުމާއި ރައްޔިތުންގެ އިގުތިސާދީ ހާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ބްރިޖުން ފީ ނެގުމަކީ ސަރުކާރުގެ ސިޔާސަތަކަށް ނުވި ނަމަވެސް ބްރިޖުން ފީ ނަގަން ބައެއް މީހުން ތާއީދުކުރެ އެވެ.