ޑރ. މުހައްމަދު މުއިއްޒު

ބްރިޖުން ފީ ނަގާނެ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަ: މުއިއްޒު

ޕީޕީއެމް-ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ މީހުން އަތުން ފީ ނަގަން ނިންމާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނާ ދޮގުކުރައްވައިފި އެވެ.

މުއިއްޒަށް ފާޑުކިޔުން އަމާޒުވެފައިވަނީ އޭނާގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖުން ދަތުރުކުރާ މީހުން އަތުން ފީ ނެގުމަށް މެނިފެސްޓޯގައި ހިމަނާފައިވާ ކަމަށް ބުނެ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ނިންމި ސިނަމާލެ ބްރިޖުން ފީއެއް ނެގުމަށް އޭރު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން މުއިއްޒު މަޝްވަރާތަކެއްވެސް ކުރެއްވި ކަމަށް ބުނެވެ އެވެ.

ތުހުމަތުތައް ދޮގުކުރައްވާ މުއިއްޒު މިއަދު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ މީހުން އަތުން ފީ ނަގަން ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.

"ދޮގު ބުހުތާނު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު އަމަލެއް،" މުއިއްޒު ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖު ހެދިއިރު އެކަމުގައި އެންމެ އިސްކޮށް ހުންނެވީ އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒު އެވެ.