ޑރ. މުހައްމަދު މުއިއްޒު

ރިޔާސީ އިންތިހާބު އޮބްޒާވްކުރި އީޔޫގެ ބޭފުޅުންނާ މުއިއްޒު ބައްދަލުކުރައްވައިފި

އިންތީހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޔޫރަޕިއަން ޔޫނިއަން އޮބްޒާވަ މިޝަންއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އިންތިހާބީ ނައިބް ރައީސް ވެސް ބައިވެރިވެވަޑައިގެންނެވި މިބައްދަލުކުރެއްވުން ކުރިއަށް ދިޔައީ ޑރ. މުއިއްޒުގެ އަމިއްލަ ގެކޮޅު -- މ. ދިމްޔާތު ގައެވެ.

މިބައްދަލުކުރެއްވުމުގައި ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ރިޔާސީ އިންތިހާބުގެ ކަންކަން ބެލުމަށް އީޔޫ އިން ދީފައިވާ ސަމާލުކަން ފާހަގަކުރައްވާ ޝުކުރުއަދާކުރެއްވި އެވެ.

އޮބްޒާވަ މިޝަންގެ މަސައްކަތްތަކުގެ ސަބަބުން އިންތިހާބުތަކާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާވެގެން ދިޔުމަށް އުއްމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނުގެ ވިދާޅުވި އެވެ. އަދި އެ މަނިކުފާނުގެ ދައުރުގައި މިނިވަން މުއައްސަސާތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް މުސްތަގިއްލުކަން ކަށަވަރުކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

އިންތިގާލީ މަރުހަލާގެ ކަންކަން އަމާންކަމާއި އޮމާންކަމާ އެކު ކުރިއަށްދާކަން ފާހަގަކުރައްވައި، ޔޫރަޕިއަން ޔޫނިއަން އޮބްޒާވަ މިޝަނުން ވަނީ އެކަމަށް މަރުހަބާ ކިޔާފަ އެވެ. އަދި ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓު، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވި އެވެ.