ޑރ. މުހައްމަދު މުއިއްޒު

ބޭރުގެ ސިފައިން ބާލާނެ ކަމުގެ ކަށަވަރުކަން މުއިއްޒު ދެއްވައިފި

ދިވެހިން ބޭނުންވާ ގޮތަށް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެެވެ.

މުއިއްޒު މި ޔަގީންކަން ދެއްވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު ޝުކުރު ދެންނެވުމަށް މިރޭ މާލޭގެ ސޯޝަލް ސެންޓަރުގައި އެތައް ބަޔަކާ އެކު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ވަނީ ގޮތް ނިންމާފައި ކަމަށާއި އެގޮތަކީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުން ކަމަށެވެ. އެހެންކަމުން ރައްޔިތުން ނިންމި ގޮތަށް އެކަން ކުރާނެ ކަމަށާއި އެއީ އެމަނިކުފާނުގެ ވައުދެއް ކަމުގައިވެސް ވިދާޅުވި އެވެ. އަދި އަބަދުވެސް އިސްކުރާނީ ދިވެހި ގައުމުގެ މަސްލަހަތާއި ރައްޔިތުން ބޭނުންވާ ގޮތް ކަމުގައިވެސް ވިދާޅުވި އެވެ.

"ވެރިކަމުގެ ފުރަތަމަ ދުވަހުވެސް އެންމެ ފުރަތަމަ ދުވަހުވެސް އަޅުގަނޑު އެ މަސައްކަތް ފަށާނަން،" އެމަނިކުފާނު ވިދާޅުވި އެެވެ.

މުއިއްޒު ވިދާޅުވީ ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތް ކުރާނީ ހަމަތަކެއްގެ ތެރެއިން ކަމަށާއި އެއްބާރުލުން ދޭންޖެހޭ ފަރާތްތަކުން އެކަމަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ ދިވެހިން ބޭނުން ނުވާނަމަ ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ކަމަށެވެ.

ބޭރުގެ ސިފައިން ރާއްޖޭގައި ތިބި ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް ވަކި ގައުމެެއްގެ ނަން ވިދާޅުވެފައެއް ނުވެ އެވެ. އެކަމަކު ކެމްޕޭން ތެރޭގައި މުއިއްޒު ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ކުރިން ވިދާޅުވެފަ އެވެ. އަދި މުއިއްޒު ނިސްބަތްވާ ޕީޕީއެމް ޕީއެންސީ އިން ވަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިންނާ ދެކޮޅަށް ސިލްސިލާކޮށް ވަރުގަދަ މުޒާހަރާތަކެއްވެސް ކުރިން ކޮށްފަ އެވެ.

މުއިއްޒުގެ ހާރިޖީ ސިޔާސަތު

މުއިއްޒު ވިދާޅުވީ އިންތިހާބުގެ ނަތީޖާއަށްފަހު ބޭރުގެ ސަފީރުން ބައްދަލުކުރުމަށް ހުށަހަޅުއްވަމުން ގެންދަވާ ކަމަށެވެ. އެހެންކަމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. މިވާހަކަފުޅުގެ ތެރެއިންވެސް އިންޑިއާގެ ނަން ވިދާޅު ނުވެ އަވަށްޓެރި ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ދިވެހިންނަށް އިހްތިރާމު ކުރާ ގައުމުތަކުގެ ސަފީރުންނާ ގާތްކަން އޮންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އޭނާގެ ހާރިޖީ ސިޔާސަތުގައި އިސްކުރާނީ "ޕްރޯ-މޯލްޑިވްސް" ސިޔާސަތު ކަމަށެވެ. އެހެން ވިދާޅުވި ވަކި ސަބަބެއް އިތުރަށް ތަފްސީލް ކޮށްދެއްވާފައެއް ނުވެ އެެވެ. ނަމަވެސް މުއިއްޒު އެހެން ވިދާޅުވީ އެމަނިކުފާނު އިންތިހާބު ކާމިޔާބުކުރެއްވުމާ އެކު އެމަނިކުފާނަކީ "ޕްރޮ-ޗައިނާ" ބޭފުޅެއް ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ސިފަކުރުމުން ކަމަށް ބެލެވެ އެވެ.

"ޕްރޯ-މޯލްޑިވްސް ސިޔާސަތަށް ތަބާވާ ހުރިހާ ގައުމަކީ އަޅުގަނޑުމެންނާ ގާތް ރަހުމަތްތެރި ގުޅުން އޮންނާނެ ގައުމުތަކެއް،" މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ދިވެހިންނަށް ދިވެހިންގެ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރެވެންޖެހޭނެ ކަމަށާއި އެހެން ގައުމުތަކުން އެކަމަށް އިހްތިރާމުވެސް ކުރަންޖެހޭނެ ކަމަށެވެ.