ތިލަފުށްޓާއި ގިރާވަރު އަދި ގިރާވަރާއި އުތުރު ތިލަފަޅު ގުޅާލުމަށް އަޅަންޖެހޭ ބްރިޖުގެ އަމަލީ މަސައްކަތް 2026 ވަނަ އަހަރު ފެށުމަށް ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުގެ ފަރާތުން މިކަން އިއުލާންކުރެއްވީ މިއަދު ފާހަގަކުރާ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް މިހާރު އަޅަމުންދާ ބްރިޖުގައި ގިރާވަރުފަޅާއި އުތުރުތިލަފަޅު ހިމަނާފައެއް ނުވެ އެވެ.
ރައީސް މުއިއްޒު މިރޭ ވިދާޅުވީ ގިރާވަރާއި އުތުރުތިލަފަޅު ތިލަމާލެ ބްރިޖާ ގުޅާލުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށް ޗައިނާގެ އޭޝިއާ އިންފްރާންސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ ރައީސްއާ ބައްދަލުކުރައްވާފައިވާނެ ކަމަށެވެ. އެ ބައްދަލުވުމުގައި އެކަމަށް ބޭނުންވާ ޕްރޮޕޯސަލް ހުށަހަޅަން އެދިފައިވާތީ އެކަން ހިނގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގިރާވަރާއި އުތުރުތިލަފަޅު، މިހާރު އަޅަމުންދާ ތިލަމާލެ ބްރިޖާ އެކު ގުޅާލުމަށް އެ ބްރިޖުގެ މަސައްކަތުގައި ހިމަނާފައި ނެތް ކަމަށެވެ. އެހެންވެ ގިރާވަރާއި އުތުރުތިލަފަޅު ގުޅާލުމަށްޓަކައި ކުރަންޖެހޭ އަމަލީ މަސައްކަތް 2026 ވަނަ އަހަރު ފެށުމަށްފަހު ގިނަވެގެން ތިން އަހަރުގެ ތެރޭގައި -- 2029 ވަނަ އަހަރުގެ ތެރޭގައި އެ ބްރިޖުގެ މަސައްކަތް ނިންމުމަކީ އަމާޒެއް ކަަމަށެވެ.
ގިރަވާރުފަޅުގައި މީހުން ދިރިއުޅުމަށްޓަކައި އެ ތަން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އުތުރުތިލަފަޅާ ހަމައަށް ބްރިޖު އަޅަންޖެހެނީ އެތަނުގައި ރާއްޖެއަށް ބޭނުންވާ މިންވަރަށް އަސާސީ ކާބޯތަކެތި ހެއްދުމަށް ބޭނުންވާތީ ދަތުރުފަތުރުު ފަސޭހަކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ ހިތަދޫއާއި ހުޅުމީދޫ ގުޅާލުމަށް އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ މަސައްކަތްވެސް ވައުދުވެވަޑައިގެންނެވި ގޮތަށް ކުރިއަށް ގެންގޮސް ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މިރޭ ދެއްވި އެވެ.
މާލެ ސަރަހައްދުގައި އަޅާފައިވާ ސިނަމާލެ ބްރިޖަކީ ޗައިނާގެ ސީސީސީސީ ކުންފުނިން އަޅާފައިވާ ބްރިޖެކެވެ. މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް މިހާރު އަޅަމުންދާ ބްރިޖު އަޅަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. ރައީސް މިރޭ ވިދާޅުވި ގޮތުންނަމަ ގިރާވަރުފަޅާއި އުތުރުތިލަފަޅު ގުޅާލުމުގެ ގޮތުން އަޅާ ބްރިޖުގެ މަސައްކަތް ހަވާލުކުރާނީ ޗައިނާގެ ކުންފުންޏަކަށް ކަމަށް ބެލެވެ އެވެ.