މަސްތުވާތަކެތި

މަސްތުވާތަކެތި ޓްރެފިކްކުރި މީހަކު 10 އަހަރަށް ޖަލަށް

މަސްތުވާތަކެތި ޓްރެފިކްކުރި މީހަކު 50،000 ރުފިޔާއިން ޖޫރިމަނާކޮށް 10 އަހަރަށް ޖަލައްލާން ހުކުމް ކޮށްފި އެވެ. ހދ. ކުޅުދުއްފުށީ 30، އަހުމަދު ސަބާހު ކިޔާ މީހެއްގެ މައްޗަށް މިއަދު އެ ހުކުމް ކުރީ އެރަށު މެޖިސްޓްރޭޓް ކޯޓުންނެވެ.

ފުލުހުން ބުނީ ސަބާހުގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވަނީ 2014 އޭޕްރީލް 21 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހދ. ނޮޅިވަރަމް ފެރީއަކުން ކުޅުދުއްފުށްޓަށް ފޭބިވަގުތު ހައްޔަރުކޮށް، ފުލުހުންގެ ވެހިކަލަށް އެރުވި ވަގުތު، ވެހިކަލުގައި އޭނާ އިށީނދެ އިން ދިލާމުން ފެނުނު ސިނގިރޭޓް ފޮށްޓެއްގެ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައާ ގުޅިގެން ކަމަށެވެ.

އެ ދައުވާ ބެލުމަށްފަހު ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނަނީ ސަބާހުގެ މައްޗަށް ދައުލަތުން ކުރި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއަށް ސަބާހު އިއުތިރާފް ވެފައިވާތީ އެ ދައުވާއަކީ ތެދު ދައުވާއެއް ކަމަށެވެ.

އެހެންކަމުން މިކުށުގެ އުޤޫބާތެއްގެ ގޮތުން ސަބާހު 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 50،000 ރުފިޔާއިން ޖޫރިމަނާކޮށް، ފައިސާ 3 މަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ދެއްކުމަށް ކޯޓުން ވަނީ އޭނާއަށް އަންގާފަ އެވެ.