މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ގައިދީންނަށް ޖަލުގައި އެކަހެރިގެއެއް އަޅަނީ

ޖަލުގައި ބަންދުކުރެވިފައިވާ މީހުންގެ ތެރެއިން އެކަހެރި ބައްދަލުވުން ދޭންޖެހޭ ގައިދީންނަށް އެކަހެރި ބައްދަލުވުން ދިނުމަށް މިހާރު ދިމާވެފައިވާ ދަތިކަމަށް ހައްލެއް ހޯދަން އައްސޭރި ޖަލުގައި ދެ ކޮޓަރީގެ ދެ އެޕާޓްމަންޓް އިމާރާތްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އައްސޭރި ޖަލުގެ ޑައިރެކްޓަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަން މުޙައްމަދު ހުސައިން އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މިއިމާރާތުގެ ސަބަބުން އެކަހެރި ބައްދަލުވުން ދެވޭ މާހައުލަކީ ގައިދީންނާއި އާއިލާތަކަށްވެސް ހިތްހަމަޖެހޭ ފަދަ މާހައުލަކަށް ވެގެންދާނެ ކަމަށާއި މިއިމާރާތް ނިމުމުން އައްސޭރި ޖަލުގައި ތިބި ގައިދީންނަށް ދަތިކަމެއް ނެތި ބައްދަލުވުން ދެވޭނެ ކަމަށެވެ.

ގާތްގަނޑަކަށް އެއް މަސްދުވަހެގެ ތެރޭގައި މިއިމާރާތުގެ މަސައްކަތް ނިންމާ ބޭނުންކުރަން ފެށޭނެ ކަމަށާއި މިއިމާރާތުގެ ހުރިހާ މަސައްކަތެއްވެސް ކުރާނީ އައްސޭރި ޖަލުގެ ގައިދީންކަމަށް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތު ދެއްވައެވެ.

އައްސޭރި ޖަލުގައި މިހާރުވެސް މިހާރުވެސް މިޖަލުގައި 200 އެއްހާ ގައިދީން ތިބެ އެވެ.

އައްސޭރި ޖަލަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރިއަށް ގެންދާ ޤައިދީން ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތުގެ ގިނަ މަސައްކަތްތަކެއް ހިންގަމުން ގެންދާ ޖަލެކެވެ. އެގޮތުން ދަނޑުވެރި ކަމުގެ މަސައްކަތާއި، އަތްތެރި މަސައްކަތްތަކާއި، ކުކުޅާއި ބަކަރި ގެންގުޅުމުގެ އިތުރުން ހިންމަފުށީގައި ހުންނަ ބައެއް ކުންފުނި ތަކުގައިވެސް ގައިދީންލައްވާ މަސައްކަތް ކުރުވައެވެ.