އައިޓީބީ ފެއާ

ރާއްޖެ ހޯސްޓް ކަންޓްރީގެ ގޮތު އައިޓީބީ ފެއާ ހުޅުވައިފި

Mar 9, 2016

ރާއްޖެ ހޯސްޓް ކަންޓްރީގެ ގޮތުގައި ބައިވެރިވި އައިޓީބީ ފެއާ މިއަދު ހުޅުވައިފި އެވެ. ޖަރުމަނުގެ ވެރިރަށް ބާލިންގައި ކުރިއަށް ގެންދާ މި ފެއާ ހުޅުއްވައިދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ޖަރުމަނު ޓޫރިޒަމް ބޯޑުގެ އިސްވެރިންނެވެ.

ޖަރުމަނުގައި 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ފެއާގައި ރާއްޖޭގެ 96 ކުންފުންޏަކުން 200 އަށްވުރެ ގިނަ އޮފިޝަލުން ބައިވެރިވެފައިވެ އެވެ. މި ފެއާގައި މި އަހަރު ރާއްޖޭގެ ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވެފައިވެ އެވެ.

މި އަހަރުގެ ފެއާގައި ރާއްޖޭން ބޮޑު ސްޓޯލެއް ބަހައްޓާފައިވެ އެވެ.

"އައިޓީބީ ފެއާ 2016" ގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސުގައި ޒަމީރު ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނަށް ޓޫރިޒަމް ފަތުރާލުމަކީ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ.

"ޓޫރިޒަމް ތަރައްގީގެ އެކި މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައި. މީގެ ތެރޭގައި މެރީނާ ހެދުން ހިމެނޭ. މެރީނާގެ ސަބަބުން ރާއްޖެއަށް އަންނަ ކްރޫޒްލައިންތައް އިތުރުވަމުންދާނެ،" ހުޅުމާލޭގައި ހަދާ ކްރޫޒްލައިން ޓާމިނަލްއާ ބެހޭ ގޮތުން، ޒަމީރު ވިދާޅުވި އެވެ.

ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި މި ފެއާގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ.