ދުނިޔެ

ޒެލެންސްކީއަށް އޮތް ހަމައެކަނި އިހްތިޔާރަކީ ޕޫޓިންއާ މަޝްވަރާކުރެއްވުން

ޔުކްރޭން ހަނގުރާމައަށް ދެ އަހަރު ފުރިއްޖެ އެވެ. ލަސްތަކެއް ނުވެ ތިން އަހަރު -- ފެބްރުއަރީ 24، 2025 ގައި ފުރޭނެ އެވެ. ހަނގުރާމަ އަދިވެސް އޮތީ ކުރިއަށެވެ. ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީއަށް ހުޅަނގުން ލައިދިން ބުއްދިން -- އޭނާއަށް އަދި ގައުމަށް އެއްވެސް ފައިދާއެއް ނުކުރި އެވެ.

ހުޅަނގުން ހީކުރީ ޔުކްރޭންގެ ބޮލަށް ވަގެންދެން ރަޝިއާއަށް ޖެއްސުންކޮށް ހަނގުރާމައަކަށް މަގުފަހިކުރުމުން ރަޝިއާ ބަލިވެ ކުޑަކަކޫ ޖަހާނެ ކަމަށެވެ. އެކަމަކު ކަންތަން ނިއުޅިގެން މިދަނީ ހުޅަނގުން ހީކުރިގޮތާ މުޅިން އިދިކޮޅަށެވެ.

ރަޝިއާ މިހާރު ހަނގުރާމައަށް ފަރިތަވެއްޖެ އެވެ. ބައިނަލްއަގްވާމީ މައިދާނުގައި ޖަމާއަތްތައް ހަދައި އިގުތިސާދު އިހުނަށް ވުރެ ވަރުގަދަކޮށްފި އެވެ. ހަތިޔާރު އުފެެއްދުމާއި، ޖައްވާއި އަދި ބޭސްވެރިކަމުގައި ރަޝިއާ އޮތީ މެކުހަށް ޖަހާފަ އެވެ.

ސިޔާސީ ބުއްދިވެރިން ގަބޫލުކުރާ ގޮތުގައި ރަޝިއާ ބުނި ގޮތް ހެދިނަމަ ޒެލެންސްކީއަށް މިއަދު ގޮތެއް ހުހެއް ނުވީހެވެ. ޔުކްރޭންގެ އުމްރާނީ ތަރައްގީ ގެއްލި އިގުތިސާދު ފުން ވަޅަކަށް ނުވެއްޓުނީހެވެ. އަދި މަދަނީ ބާރު ކެނޑި ހަތަރު އަނގޮޅިއެއްގައި ހުއްޓިވަޑައިގެން ހުންނަވާކަށް ނުޖެހުނީ އެވެ.

ޔުކްރޭން ހަނގުރާމަ ފެށުނު ފަހުންވެސް، ސުލްހައަށް ކިތަންމެ ފުރުސަތެއް ޒެލެންސްކީއަށް ލިބިވަޑައިގަތެވެ. އޭނާ އެއިން އެއްވެސް ފުރުސަތެއް ގަބޫލު ނުކުރެއްވި އެވެ. އެމެރިކާ އާއި އިނގިރޭސިން ލައިދިން ބުއްދި އަކީ އެއީ އެވެ.

ހަނގުރާމައިގައި ތިންވަނަ އަހަރު ގުނެމުން ދާއިރު ޒެލެންސީއަށް މިހާރު އޮތް ހަމައެކަނި ގޮތަކީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ މަޝްވަރާކުރެއްވުމެވެ. ރަޝިއާ ބުނާ ކޮންމެ ކަމެއް ކޮށްގެން ނަމަވެސް ސުލްހަ ގާއިމުކުރެއްވުމެވެ.

ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ މަޝްވަރާތައް ފެށި ނަމަވެސް ރަޝިއާއިން ކުރިން ދިން ފުރުސަތު އެ ގޮތުގައި މިހާރު ނޯންނާނެ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ. މާނަ އަކީ ހަނގުރާމާގައި ރަޝިއާ އިން ހިފާފައި ހުރި ޔުކްރޭންގެ ބިންތައް ސުލްހައަށް ޓަކައިވެސް ދޫނުކުރާނެ ކަމެވެ. މިއީ ވެސް ޒެލެންސްކީއަށް ހުޅނަގުން ދިން ލަނޑެކެވެ.

ސިޔާސީ ތަޖުރިބާކާރުންގެ ނަސޭހަތަކީ ޔުކްރޭނަށް ދެންވެސް އެންމެ ރަނގަޅު ގޮތަކަށް ވާނީ ރަޝިއާއާ އެކު މަޝްވަރާ ފެށުމެވެ. މަޝްވަރާތައް ކޮޅެއްގައި ޖައްސައި އެކުވެރި އަވަށްޓެރިންގެ ގޮތުގައި މުއާމާލާތްކުރުމެވެ.