ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ" މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.
މި ކޮމިޓީ އިފުތިތާހުކޮށްދެއްވީ މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ މެންބަރުންނަށް ބެޖު ހަވާލުކޮށްދެއްވާފަ އެވެ.
ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ މަގުސަދަކީ ސަރުކާރުގެ މެނިފެސްޓޯއާއި، މުހިއްމު ސިޔާސަތުތައް ތަންފީޒުކުރުމުގައި، ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދައި، މިފަދަ ކަންކަމުގައި ކުރިއަށް ދާންވީ ގޮތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމާއި، ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި، ޙައްލު ހޯދުމަށް މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ރައީސްއަށް ލަފާއެރުވުމެވެ.
ރައީސް އޮފީހުން ބުނީ ޒުވާނުންނާ ގުޅޭ ކަންކަމުގައި ޒުވާނުން ގޮތް ނިންމާ، ޒުވާނުންނަށް އަދާއި މާދަމާވެސް ގައުމުގެ އިސް ސަފުގައި މަސައްކަތް ކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދީ، ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ހަރުދަނާ ޒުވާނުންގެ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނި، ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން މި ސަރުކާރުން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ ބޯޑު އެކުލަވާލަލައްވާފައިވަނީ މިއަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު އެވެ. މި ބޯޑުގައި ތިއްބަވަނީ 15 މެންބަރުންނެވެ. ގިނަ ޒުވާނުންނަށް މި ބޯޑުގައި ބައިވެރިވުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ރިޔާސީ ދައުރެއްގައި ދެ ފަހަރު ބޯޑު އެކުލަވާލުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.
މި ބޯޑަކީ ރައިސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް އެކުލަވާލާ ބޯޑަކަށްވުމުން، މި ބޯޑުގެ ސެކްރެޓޭރިއޭޓް ބަލަހައްޓާނީ ޔޫތު މިނިސްޓްރީންނެވެ.
މި ބޯޑު އިފްތިތާހުކޮށްދެއްވުމަށްފަހު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވެ އެވެ.