ކުޅިވަރު

ފަހުގަޑީ ހިޔާލު ބަދަލުވެ ޒުބިމެންޑީ، ލިވަޕޫލަށް ނޫނެކޭ ބުނެފި

ރެއާލް ސޮސެއިޑާޑަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު މާޓިން ޒުބިމެންޑީއަށް ލިވަޕޫލުން ހުށަހެޅި ހުށަހެޅުމަށް ފުރަގަސްދިނުމަށްފަހު ރެއާލް ސޮސެއިޑާޑްގައި މަޑުކުރަން ނިންމައިފި އެވެ.

ރެއާލް ސޮސެއިޑާޑަށް ކުޅެމުން އަންނަ މިޑްފީލްޑަރު ޒުބިމެންޑީ ހޯދުމަށް ލިވަޕޫލުން ވަނީ އޭނާއާ އެކު ދިގުލީ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޒުބިމެންޑީ ވަނީ ލިވަޕޫލުން ހުށަހެޅި ޑީލަށް ފުރަގަސްދީ އޭނާ މިހާރު ކުޅެމުން އަންނަ ކުލަބުގައި މަޑު ކުރަން ނިންމާފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ލިވަޕޫލުން ޒުބިމެންޑީ އަށް ހުށަހަޅާފައިވަނީ މިހާރު އޭނާ ކުޅެމުންދާ ރެއާލް ސޮސެއިޑާޑް އިން ދޭ ވަރަށް ވުރެ ބޮޑު އަގެކެވެ.

އުމުރުން 25 އަހަރުގެ ޒުބިމެންޑީއަކީ މި ފަހަރު ޔޫރޯ ކާމިޔާބު ކުރި ސްޕެއިން ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. ޔޫރޯގައި އަލްބޭނިއާއާ ދެކޮޅަށް ސްޕެއިނުން ކުޅުނު މެޗުގައި އޭނާ 90 މިނެޓު ކުޅެފައިވާއިރު، ސެމީ ފައިނަލުގައި ފްރާންސް އަދި ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް ޒުބިމެންޑީ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފަ އެވެ.

ޒުބިމެންޑީ ސޮސެއިޑާޑްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާ ކޮށްފައިވާއިރު، އެ އެއްބަސްވުމުގައިވާ ގޮތުން، ޒުބިމެންޑީއަށް އޭގެ ކުރިން އެ ކްލަބް ދޫކޮށްލެވޭނީ، އޭނާ ގަންނަން ބޭނުންވާ ކްލަބަކުން 64 މިލިއަން ޑޮލަރު ދެއްކުމުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޒުބިމެންޑީ ގަތުމަށް ލިވަޕޫލުން ހުށަހަޅާފައިވަނީ އެއަށް ވުރެ ވެސް ބޮޑު އަދަދެކެވެ. ނަމަވެސް ޒުބިމެންޑީ ބޭނުންވަނީ އޭނާ މިހާރު ކުޅެމުން އަންނަ ރެއާލް ސޮސެއިޑާޑްގައި މަޑު ކުރުމަށެވެ.