ކުޅިވަރު

ގޯލްކީޕަރަށް ހިތްދިން ޓޯރޭޒް، ކާމިޔާބު ހޯދީ ގޯލްތަކުން

އުމުރުން ފަސް އަހަރުގައި، މެޑްރިޑްގެ އާދައިގެ ކުލަބެއް ކަމަށްވާ، 'ޕާކްއޭ 84' ގެ ޓީމަށް ޓޯރޭޒް ގެންދިއުމަށް އޭނާގެ އާއިލާއިން ނިންމި އެވެ. ޓޯރޭޒްގެ ބޭބެ އިސްމީއަކީ އޭރު ގޯލްކީޕަރަކަށް ކުޅެމުންދާ ކުޅުންތެރިޔެކެވެ. ޓޯރޭޒްގެ ހިތްވެސް ދިނީ ބޭބެގެ ފިޔަވަޅުމަތިން ކުރިއަށް ދިއުމަށެވެ. އެހެންވެ އޭނާވެސް ކުޅެން ފެށީ ކީޕަރގެ މަގާމަށެވެ.

އުމުރުން ހަތެއް ނުވަތަ އަށް އަހަރު ވަންދެން ގޯލްކީޕަރަކަށް ކުޅުނެވެ. އެއް ދުވަހެއްގައި، ގޯލްކީޕަރަކަށް ހުރެ ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި، ޓޯރޭޒްގެ ދަތެއް ބިންދައިގެން ހިނގައްޖެ އެވެ. އޭނާގެ މަންމަ އެގޮތަކަށްވެސް ހިތްހަމަ ނުޖެހުނެވެ. ކީޕަރަކަށް ކުޅުން ޓޯރޭޒްއަށް މަނާ ކުރި އެވެ.

"އަހަރެން ބޭނުމީ އޭނާ އަށް [ބޭބެ އިސްމީ] އަށް ވާން، އެހެންވެ އަހަރެންވެސް ކުޅެން ފެށީ ކީޕަރަކަށް، ސޭވެއް ކުރަން އުޅުމުގެ ތެރޭގައި އަހަރެންގެ ދަތް ހަލާކު ވަންދެން ކީޕަރަކަށް ކުޅުނިން،" 2013 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ޓޯރޭޒް ބުނެފައި ވެއެވެ. "ދަތް ހަލާކު ވީމަ އަހަރެންގެ މަންމަ ބުނި: 'ދެން ކަލޭއަށް ފުޓްބޯޅަ ކުޅުން ނިމުނީ އޭ، ގޯލްކީަޕަރަކަށް އަމުންދުން ނުކުޅެވޭނެޔޭ'."

ފޯވަޑުންގެ ހަމަލާތައް ގޯލަށް ވަނުން ހުއްޓުވުމަށް މަސައްކަތް ކުރި ކުޅުންތެރިޔާ ފަހުން ބަދަލުވީ ސްޓައިކަރަކަށެވެ. މަގާމު ބަދަލުކޮށްގެންވެސް ފުޓްބޯޅައިގައި ދެމިހުންނަން ޓޯރޭޒް ބޭނުންވީ އެވެ. އުމުރުން އަށް އަހަރުން ފެށިގެން ސްޓައިކަރަކަށް ކުޅެން ފެށި އެވެ. އޭނާގެ ކުޅުން ފެނިގެން އެތުލެޓިކޯ މެޑްރިޑުންނާއި ބައެއް އެހެން ކުލަބުތަކުން، އެ ޓީމުގެ އެކެޑެމީއަށް ޓޯރޭޒް ގެންދަން ބޭނުންވި އެވެ. ޓޯރޭޒްގެ ކާފަ އަކީ ފުޓްބޯޅައިގައި މާ ފޯރި ހުންނަ މީހެއް ނޫނެވެ. އެހެންނަމަވެސް ކާފަ އަކީ އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރެކެވެ. ކާފަ ބޭނުންވުމުން އެތުލެޓިކޯ މެޑްރިޑްގެ އެކެޑެމީއާ އުމުރުން 11 އަހަރުގައި ޓޯރޭޒް ގުޅުނެވެ.

ސްޕެއިންގެ އެކި އުމުރު ފުރާތަކުގެ ޓީމުގައި، ޓޯރޭޒް ދެއްކި ކުޅުމާއެކު އޭނާއަށް ސީނިއާ ޓީމަށްވެސް ކުޅެވޭނެ ކަމަށް ނިންމައި، އޭނާގެ އުމުރުން 17 އަހަރުގައި އެތުލެޓިކޯގެ ސީނިއާ ޓީމުގެ ސްކޮޑުން އޭނާ އަށް ފުރުސަތު ދިނެވެ. އެތުލެޓީކޯގެ ސީނިއާ ޓީމަށް ޓޯރޭޒް ކުޅެން ފެށިއިރު، އެ ޓީމު އޮތީ ސްޕެއިންގެ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވެފަ އެވެ. ޓޯރޭޒް ހިއްސާ އާއެކު އެ ޓީމުން ފުރަތަމަ ޑިވިޝަނަށް އެރި އެވެ. އެހާހިސާބުން ޓޯރޭޒްގެ ކުޅުން ޔޫރަޕްގެ ކުލަބުތަކަށް ފާހަގަ ކުރެވުނެވެ.

ރަޝިއާ ބިލިއަނަރު ރޯމަން އަބްރަހިމޮވިޗް ޗެލްސީގެ އޯނާޝިޕާ ނެގުމަށް ފަހު އެ ޓީމު ވަރުގަދަ ކުރަން އޭނާ ގެންނަން ބޭނުންވި ކުޅުންތެރިންގެ ތެރޭގައި ޓޯރޭޒް ހިމެނެ އެވެ. ޓޯރޭޒް ގެންދަން ބޭނުން ވެގެން 28 މިލިއަން ޕައުންޑް ޗެލްސީން އެތުލެޓިކޯ އަށް ހުށަހެޅި އެވެ. އެހެންނަމަވެސް ޗެލްސީގެ ހުށަހެޅުން އެތުލެޓިކޯގެ ބޯޑުން ގަބޫލު ނުކޮށް އަނބުރާ ރައްދު ކުރި އެވެ. އެތުލެޓިކޯ ޓީމުގައި އޭނާ ދެއްކި ކުޅުމާއެކު، އުމުރުން 19 އަހަރުގައި އެތުލެޓިކޯގެ ކެޕްޓަނަކަށް، ޓޯރޭޒް ހަމަޖެއްސި އެވެ.

ޖަރުމަންގައި، 2006 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕަށް ފަހު، ޓޯރޭޒް ގެންދިއުމަށް އަނެއްކާވެސް ޗެލްސީން މަސައްކަތް ކުރި އެވެ. އެހެންނަމަވެސް މިފަހަރުވެސް ޗެލްސީން ހުށަހެޅުން އެތުލެޓީކޯއިން ގަބޫލު ނުކުރި އެވެ. އޭގެ އެއް ސީޒަނަށް ފަހު ލިވަޕޫލަށް އޭނާ ގެންދިއުމަށް ލިވަޕޫލާއި އެތުލެޓިކޯއާއެކު އެއްބަސްވި އެވެ.

ލިވަޕޫލްގައި ޓޯރޭޒް ދެއްކި މޮޅު ކުޅުމާއެކު، އޭނާއަށް ދުނިޔޭގެ ސަމާލުކަން ލިބިގެން ދިޔަ އެވެ. ލިވަޕޫލްގެ ފުރަތަމަ ސީޒަންގައި، ޕްރިމިއާ ލީގްގައި 24 ލަނޑު ކާމިޔާބު ކުރި އެވެ. ލިވަޕޫލްގައި އޭނާ ހޭދަ ކުރި ހަތަރު ސީޒަންގައި 81 ލަނޑު ކާމިޔާބު ކުރި އެވެ. ޗެލްސީން އޭނާގެ ސޮއި ހޯދަން އެތައް ފަހަރަކު މަސައްކަތް ކުރުމަށް ފަހު އެ ޓީމުން އެކަން ކާމިޔާބު ކުރީ، 2011 ވަނަ އަހަރު ޖަނަވަރީ ޓްރާންސްފާ ޕީރިއަޑްގެ އެންމެ ފަހު ދުވަހު އެވެ. ޗެލްސީން އޭނާގެ ސޮއި ހޯދަން 50 މިލިއަން ޕައުންޑް ހޭދަ ކުރި އެވެ.

ލިވަޕޫލްގައި ލަނޑު ޖެހި ސްޓައިކަރަށް، ޗެލްސީގައި ލަނޑު ނުޖެހުމުގެ މައްސަލަ ކަުރިމަތިވި އެވެ. އެހެންނަމަވެސް ޗެމްޕިއަންސް ލީގްގައި 2012 ވަނަ އަހަރު އޭޕްރީލް މަހު ބާސެލޯނާ ކޮޅަށް އޭނާ ޖެހި ލަނޑު ވެގެން ދިޔައީ މުޅި ޗެލްސީގެ ތާރީހްގައިވެސް ފާހަގަ ކުރެވުނު ލަނޑަކަށެވެ. އެ ލަނޑުން ޗެމްޕިއަންސް ލީގްގެ ފައިނަލަށް ޗެލްސީ ގެންގޮސްދިނެވެ.

ސްޕެއިންގެ ގައުމީ ޓީމުގައި، ޓޯރޭޒްގެ އެންމެ ހާއްސަ ކާމިޔާބީއަކީ، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕު ކާމިޔާބު ކުރެމެވެ. އޭގެ ކުރިން 2008 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިން ހޯދީ، ފައިނަލުގައި ޖަރުމަން ކޮޅަށް ޓޯރޭޒް ކާމިޔާބު ކުރި ލަނޑުންނެވެ. ޔޫރޯގެ 2012 ގެ ސްކޮޑުގައި، ޓޯރޭޒް ހިމެނުމުން ސްޕެއިންގެ އޭރުގެ ކޯޗް ވިންސެންޓޭ ޑެލްބޮސްކޭއަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އެވެ. އެހެންނަމަވެސް ކުރިމަތި ކުރި ފާޑުކިޔުންތަކުގެ އެއްވެސް އަސާސެއް ނެތްކަން ޓޯރޭޒް ވަނީ އެ މުބާރާތުގައި ސާބިތު ކޮށްދީފަ އެވެ. އޭނާ އަކީ އެ މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ކުޅުތެރިޔާ އެވެ.

ޖަޕާންގެ ސަޒަން ޓޯސޫއަށް މިހާރު ކުޅެމުންދާ، ޓޯރޭޒް ވަނީ، އޭނާގެ 18 އަހަރުވީ ކެރިޔާ ނިންމާލަން އުޅޭކަން އިއުލާން ކޮށްފަ އެވެ. އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލަން އިއުލާން ކުރުމުން ފުޓްބޯޅަގެ ދުނިޔޭގެ އެތައް ބަޔަކު ވަނީ އޭނާއަށް ހާއްސަކޮށް ޓްރިބިޔުޓްތައް ފޮނުވާފަ އެވެ. ދުނިޔޭގެ އެންމެ މޮޅު ސްޓައިކަރުންގެ ތެރޭގައި ޓޯރޭޒް ހިމެނޭނެ އެވެ. އޭނާގެ ލެގަސީ ދެމިއޮންނާނެ އެވެ.