ޕްރިމިއާ ލީގް

ޗެލްސީ ބަލިކޮށް ލިވަޕޫލް ތާވަލުގެ އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލް ވަނީ 2-1 ގެ ނަތީޖާއަކުން މޮޅުވެ، ޕޮއިންޓް ތާވަލުގެ އެއްވަނައަށް އަރާފަ އެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ 29 މިނެޓުގައި ޗެލްސީން ދެއްކި ރަނގަޅު ކުޅުމާއެކު ގިނަ ވަގުތު ބޯޅަ ހިފެހެއްޓި ފަހުން، މެޗުގެ ކޮންޓްރޯލް ލިވަޕޫލްގެ އަތަށް އައީ އޭރިއާ ތެރޭގައި ކަޓިސް ޖޯންސްއަށް ޗެލްސީގެ ލެވީ ކޮލްވިލް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އަކުންނެވެ.

މި ޕެނަލްޓީ މުހައްމަދު ސަލާހް ވަނީ ގޯލަކަށް ބަދަލުކޮށް ލިވަޕޫލްއަށް ކުރިއެރުން ހޯދައިދީފަ އެވެ.

ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ޗެލްސީގެ ނިކޮލަސް ޖެކްސަން ލަނޑެއް ޖަހައި މެޗު އެއްވަރުކުރި ނަމަވެސް އޭގެ ތިން މިނެޓު ފަހުން ކަޓިސް ޖޯންސް ވަނީ ލިވަޕޫލަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

މި މޮޅާއެކު ލިވަޕޫލްއަށް ވަނީ މިހާތަނަށް ކުޅުނު އަށް މެޗުން 21 ޕޮއިންޓް ހޯދައި ލީގުގެ އެއްވަނަ މަގާމަށް އަރާފަ އެވެ.

ދެވަނައިގައިވާ މެންޗެސްޓާ ސިޓީއަށް 8 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. މި މެޗުން ބަލިވި ޗެލްސީ މިހާރު އޮތީ 8 މެޗުން 14 ޕޮއިންޓް ހޯދައި ތާވަލުގެ 6 ވަނަ މަގާމުގަ އެވެ.