ކުޅިވަރު

ހާލުގައި އޮތް ލިވަޕޫލް އާއި ޗެލްސީ ކުޅުނު މެޗު އެއްވަރު

ފަހަކަށް އައިސް ފޯމު ދަށްވެފައިވާ ލިވަޕޫލް އާއި ޗެލްސީ އިން މިއަދު އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މެޗު 0-0 އިން އެއްވަރުވެއްޖެ އެވެ.

އެއްވަރުވުމަކީ ގަދަ ހަތަރަށް ވާދަކުރަމުން އަންނަ މި ދެޓީމަށް ވެސް ލިބުނު ގެއްލުމެކެވެ. ލީގުގައި މި ދެޓީމަށް ވެސް ލިބިފައިވަނީ 29 ޕޮއިންޓެވެ. ލިވަޕޫލުން 19 މެޗު ކުޅެފައިވާއިރު ޗެލްސީ އިން ވަނީ 20 މެޗު ކުޅެފަ އެވެ. ހަތަރު ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާއި މި ދެޓީމާ ދެމެދު 10 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

މިއަދުގެ މެޗު ފަށައިގެން ކުރީކޮޅު ޗެލްސީގެ ކައި ހަވާޓްޒް ވަނީ ގޯލަށް ބޯޅަ ވައްދާލާފަ އެވެ. އެކަމަކު ފަހުން ވީއޭއާރު ބެލުމަށް ފަހު ނިންމީ އެ ހަމަލާ އުފެއްދިއިރު ޑިފެންޑަރު ތިއާގޯ ސިލްވާ ހުރީ އޮފްސައިޑުގައި ކަމަށެވެ.

މެޗުގައި ދެޓީމުގެ ފަރާތުން ވެސް ގޯލާ ނުރައްކާކޮށް ގިނަ ހަމަލާއެއް އުފެއްދިފައެއްނުވެ އެވެ. ދެވަނަ ހާފުގައި ޗެލްސީ އިން ވަނީ 89 މިލިއަން ޕައުންޑަށް އެޓީމަށް ގެނައި ފޯވާޑް މިކައިލޯ މުޑްރިކް ކުޅެން އަރުވައިފަ އެވެ. މުޑްރިކް ކުޅެން އަރައި އުއްމީދީ ކުޅުމެއް ދައްކައި ގޯލު ޖަހާނެ ފުރުސަތު ތަނަވަސްކުރި އެވެ.

ލިވަޕޫލުން މެޗުގައި ފޮނުވާލި ހަމަލާތަކުގެ ތެރެއިން ކޯޑީ ގަކްޕޯ އާއި ޑާވިން ނޫނޭޒްގެ ދެ ހަމަލާ ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ މަތަކުރި އެވެ.

މިއަދުގެ މެޗަކީ ކްލޮޕްގެ ކޯޗިން ކެރިއަރުގައި އިރުޝާދުދިން 1000 ވަނަ މެޗެވެ. ކާމިޔާބު ކޯޗު ކެރިއަރު ފެށީ ޖަރުމަނުގެ މެއިންޒް އިންނެވެ. އެޓީމަށް 270 މެޗުގައި ކޯޗުކޮށްދިނުމަށް ފަހު ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވެ 319 މެޗުގައި އިރުޝާދުދިނެވެ. ލިވަޕޫލަށް ބަދަލުވެ މިއަދުގެ މެޗާ އެކު އެޓީމަށް ކްލޮޕް ކޯޗުކޮށްދިން މެޗުގެ އަދަދު 411 އަށް އެރީ އެވެ.

ލީގުގައި މިރޭ ވެސް އިތުރު މެޗުތަކެއް ކުޅޭނެ އެވެ. އޭގެތެރޭގައި ކްރިސްޓަލް ޕެލެސް އާއި ނިއުކާސަލް ވާދަކުރާ މެޗު ފާހަގަކޮށްލެވެ އެވެ.