ކުޅިވަރު

ލިވަޕޫލް އެއްވަރު، ޗެލްސީ ފަހު ވަގުތު މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލް އަމިއްލަ ދަނޑުގައި 3-3 އިން ބްރައިޓަންއާ އެއްވަރުވިއިރު ޗެލްސީ އިން ފަހު ވަގުތު 2-1 އިން ކްރިސްޓަލް ޕެލެސް ބަލިކޮށްފި އެވެ.

މޮޅެއް ހޯދައި ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ގެއްލި ލިވަޕޫލް މިވަގުތު އޮތީ 10 ޕޮއިންޓާ އެކު ލީގުގެ ނުވަ ވަނައިގަ އެވެ. ޗެލްސީ ވަނީ 13 ޕޮއިންޓް ހޯދައި ފަސް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ލީގުގެ އެއްވަނައިގައި އޮތް އާސެނަލާ ލިވަޕޫލްއާ ދެމެދު އޮތް ފަރަގު 11 ޕޮއިންޓަށް ވަނީ ބޮޑުވެފަ އެވެ. މިދިޔަ އަހަރުތަކުގައި ލީގަށް ވާދަކުރި ލިވަޕޫލް މި ސީޒަނުގައި ފެންނަނީ ދަށްކޮށެވެ.

މިރޭގެ މެޗުގައި ބްރައިޓަންގެ ތިން ގޯލު ޖަހައި ލިއަންޑްރޯ ޓްރޮސާޑް ވަނީ ހެޓްރިކް ހަދާފަ އެވެ. ބެލްޖިއަމަށް އުފަން ޓްރޮސާޑް ވެފައިވަނީ ލިވަޕޫލްގެ ދަނޑުގައި ޕްރިމިއާ ލީގުގައި ހެޓްރިކް ހެދި ތިން ވަނަ ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން ހެޓްރިކް ހެދީ ބާމިންހަން އާއި ޝެފީލްޑް ޔުނައިޓެޑަށް ކުޅުނު ޕީޓާ އެންލޮވޫ އާއި އާސެނަލަށް ކުޅުނު އަންދްރޭ އަޝާވިން އެވެ.

މެޗުގައި ޓްރޮސާޑް ވަނީ ފުރަތަމަ 20 މިނެޓު ތެރޭ ދެ ލަނޑު ޖަހައިފަ އެވެ. ލިވަޕޫލް މެޗުގެ ތެރެއަށް އެނބުރި އައީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޮބާޓޯ ފިރްމީނޯ ޖަހައިދިން ގޯލުންނެވެ. ދެ ވަނަ ހާފު ފެށިގެން 10 މިނެޓު ނުވަނީސް ފިރްމީނޯ ވަނީ އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ލިވަޕޫލުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ 63 ވަނަ މިނެޓުގައި ބްރައިޓަންގެ އެޑަމް ވެބްސްޓާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ލިވަޕޫލުން ނެގި ކޯނަރު ގޯލްކީޕަރު ދިފާއުކުރަން އުޅުމުގެ ތެރޭގައި ވެބްސްޓާ ނުވިސްނާ ހުއްޓައި ގޯލަށް ވަނީ ގައިގައި ޖެހިފަ އެވެ.

ލިވަޕޫލް މޮޅުވާން ދަނިކޮށް ޓްރޮސާޑް ހެޓްރިކް ފުރިހަމަކުރި ލަނޑު ޖެހީ 83 ވަނަ މިނެޓުގަ އެވެ. މިއީ މި ސީޒަނުގައި ޓްރޮސާޑް ލީގުގައި ޖެހި ފަސް ވަނަ ލަނޑެވެ. ލީގުގައި ބްރައިޓަން އޮތީ 14 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

ލިވަޕޫލުން މި ސީޒަނުގެ ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ ދެ މެޗުންނެވެ. ހަތް މެޗުން ލިބެން އޮތް 21 ޕޮއިންޓުގެ ތެރެއިން 11 ޕޮއިންޓް އެޓީމަށް މިހާރު ވަނީ ގެއްލިފަ އެވެ. ލިވަޕޫލަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުރިއާ ހިލާފަށް އެޓީމު ކޮޅަށް ގިނަ ގޯލުތަކެއް ވަނުމެވެ.

ގްރަހަމް ޕޮޓާގެ ކޯޗުކަމުގައި ޗެލްސީ މޮޅުވި މެޗުގެ ފުރަތަމަ ގޯލު ޖެހީ ޕެލެސް އިންނެވެ. ހަތް ވަނަ މިނެޓުގައި ޕެލެސް އޮޑްސަން އެޑުއާޑް ލީޑު ނަގައިދިންއިރު 38 ވަނަ މިނެޓުގައި ޗެލްސީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޕިއޭ އެމެރިކް އޮބާމިޔަން އެވެ. މިއީ ބާސެލޯނާ އިން ޗެލްސީ އަށް ބަދަލުވެ އޮބާމިޔަން ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ. އެއްވަރުވާން ދަނިކޮށް ޗެލްސީ މޮޅުކޮށްދިން ލަނޑު ޖެހީ މިދިޔަ ސީޒަނުގައި ޕެލެސްގައި ލޯނު އުސޫލުން މޮޅު ކުޅުމެއް ދެއްކި ކޮނޯ ގަލެގާ އެވެ. އޭރިޔާ ބޭރުން ގަލެގާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބޯންމައުތާއި ބްރެންޓްފޯޑް ވާދަކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ސައުތެމްޓަން ދަނޑުގައި އެވަޓަން 2-1 އިން މޮޅުވިއިރު ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑް ވަނީ 4-1 އިން ފުލަމް ބަލިކޮށްފަ އެވެ.