ކުޅިވަރު

ފެލިކްސް އަލުން ޗެލްސީއާ ގުޅެނީ

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ޖޯ ފެލިކްސް ޗެލްސީއަށް ބަދަލުވުމަށް އެއްބަސްވެއްޖެ އެވެ.

އުމުރުން 24 އަހަރުގެ ފެލިކްސް ޗެލްސީ އަށް ބަދަލުވާން ނިންމި އަގެއް ހާމައެއް ނުކުރެ އެވެ. އެކަމަކު، އޭނާ ޗެލްސީއާ ގުޅުނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ކުލަބުން ބޭނުން ނަމަ، އިތުރު އެއް އަހަރު ދުވަހު ޗެލްސީގައި މަޑު ކުރެވޭނެ އެވެ.

މިދިޔަ އަހަރު ލޯން އެއްބަސްވުމެއްގެ ދަށުން ފެލިކްސް ވަނީ ޗެލްސީއަށް ކުޅެފަ އެވެ. އެގޮތުން ޗެލްސީގައި ހޭދަކުރި ކުރު މުއްދަތުގައި އެ ކުލަބަށް 20 މެޗު ކުޅެދީ، ހަތަރު ގޯލް ޖަހާފައިވެ އެވެ.

ލޯނުގެ މުއްދަތު ހަމަވުމުން ޗެލްސީން އޭނާ ގަނެފައި ނުވާއިރު މިދިޔަ ސީޒަނުގައި ފެލިކްސް ލޯނެއްގެ ދަށުން ކުޅުނީ ބާސެލޯނާ އަށެވެ.

ފެލިކްސް ޗެލްސީއަށް ބަދަލުވުމާ ގުޅިގެން އެ ކުލަބަށް ކުޅެމުން އަންނަ ކޯނޯ ގަލަގާ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އިންގްލެންޑަށް ކުޅެމުން އަންނަ މިޑްފީލްޑަރު ގަލަގާ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން ޗެލްސީން އަންނަނީ ފޯވާޑެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެ ކުލަބުން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ނަޕޯލީގެ ފޯވާޑް ވިކްޓަ އޮސިމެން ގެނައުމަށެވެ. އެކަމަކު، އޮސިމެން ދޫކޮށްލާނީ ނަޕޯލީން މިހާރު ހޯދަން މަސައްކަތް ކުރާ ރޮމެލޫ ލުކަކޫ ލިބިގެންނެވެ.

ނަޕޯލީން އެންމެ ފަހުން ބުނީ ލޯން އެއްބަސްވުމެއްގެ ދަށުން ލުކާކޫ ގެނައުމަށް ޑީލެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން 25.5 މިލިއަން ޕައުންޑް ދީފައި ލުކާކޫ ގަތުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށްވެ އެވެ.