ޗެމްޕިއަންސް ލީގް

ޖިރޫގެ މޮޅު ގޯލުން ޗެލްސީން އެތުލެޓިކޯ ބަލިކޮށްފި

އޮލިވާ ޖިރޫ، އޯވަހެޑަކުން ޖެހި މޮޅު ގޯލުން، ޗެލްސީން ރަށުން ބޭރުގައި އެތުލެޓިކޯ މެޑްރިޑް 1-0 ން ބަލި ކޮށްފި އެވެ.

އިނގިރޭސި ވިލާތުގައި ދިރިއުޅޭ މީހުން، ކޮވިޑް-19 އާ ގުޅިގެން ސްޕެއިނަށް ވަނުން މަނާ ކޮށްފައިވުމާ ގުޅިގެން ޗެލްސީގެ ޓީމަށް މެޑްރިޑަށް ދަތުރު ނުކުރެވޭނެތީ، ޔޫއެފާއިން ނިންމީ އެތުލެޓިކޯގެ ހޯމް މެޗު ރޮމޭނިއާއަށް ބަދަލު ކުރާށެވެ.

ރޮމޭނިއާގެ ވެރިރަށް ބުކަރެސްޓްގެ ނެޝަނަލް އެރީނާގައި ކުޅުނު މެޗުގައި، ޗެލްސީގެ ލަނޑު ޖިރޫ ކާމިޔާބު ކުރީ 68 ވަނަ މިނެޓްގަ އެވެ. އޭނާ އެ ބޯޅަ ފޮނުވާނާލެ ކަމަށް އެތުލެޓިކޯގެ ކީޕަރު ޔާން އޮބްލެކް ހުރީ ތައްޔާރު ވެގެނެއް ނޫނެވެ. އޮބްލެކް ބޯޅައަށް މަސައްކަތް ކުރަން ހިނދުކޮޅެއް ނެގި އެވެ. އެހެން ނަމަވެސް އެ ބޯޅަ ހޯދަން އޭނާއަށް ކުރެވޭނެ އެއްވެސް ކަމެެއް ނެތެވެ.

މެޗުގައި އެތުލެޓިކޯއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ، ފުރަތަމަ ހާފުގަ އެވެ. ލުއިސް ސުއަރޭޒް ގޯލް ކުރިމައްޗަށް ކަޓް ކޮށްދިން ބޯޅަ ތޯމަސް ލެމާ ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ބޭރަށެވެ.

މި ދެ ޓީމު ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ 18 އިގަ އެވެ.