ކުޅިވަރު

ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ޗެމްޕިއަންސް ލީގުން ކަޓައިފި

ސްޕެއިންގެ ގަދަ ދެބާރު ކަމަށްވާ ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައިފި އެވެ. ޗެމްޕިއަންސް ލީގުން ކެޓުމުން ބާސެލޯނާ ޖެހޭނީ ޔޫރަޕްގެ ދެވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔޫއެފާ ޔޫރޮޕާ ލީގުގައި ކުޅޭށެވެ. ގްރޫޕް ސްޓޭޖުގައި ފަހު މެޗުގައި ވާގޮތަކުން އެތުލެޓިކޯ މެޑްރިޑް ވެސް ޔޫރޮޕާ ލީގުގައި ކުޅެން ޖެހިދާނެ އެވެ.

ރޭ އަމިއްލަ ދަނޑުގައި ބަޔާން މިއުނިކާ ވާދަކުރި މެޗުން ބާސެލޯނާ ބަލިވީ 3-0 އިންނެވެ. އެ މެޗަށް ނުކުތްއިރު ވެސް ބާސެލޯނާ އޮތީ ޗެމްޕިއަންސް ލީގުން ކަޓައިފަ އެވެ. އެއީ އޭގެކުރިން ކުޅުނު މެޗުގައި އިންޓަ މިލާނުން އަމިއްލަ ދަނޑުގައި 0-4 އިން ވިކްޓޯރިއާ ޕްލަޒެން ބަލިކުރުމުންނެވެ.

ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ އެއް މެޗެވެ. ގްރޫޕުގެ އެއްވަނަ ބަޔާން މިއުނިކް ކަށަވަރުކުރީ 15 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް އިންޓަ އަށް 10 ޕޮއިންޓް ލިބިފައިވާއިރު ބާސެލޯނާ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ފަހު މެޗުގައި ފުލުގައި އޮތް ވިކްޓޯރިއާ ޕްލަޒެން އަތުން މޮޅުވެގެން ވެސް ބާސެލޯނާ އަށް ދެވަނަ މަގާމް ނުލިބޭނެ އެވެ.

ބާސެލޯނާ ކޮޅަށް ބަޔާން އިން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައިފަ އެވެ. މި ގޯލުތައް ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭ އާއި އެރިކް މެކްސިމް ޗުޕޮ-މޯޓިން އެވެ. ބަޔާންގެ ފަހު ލަނޑު މެޗުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ބެންޔަމިން ޕަވާޑް އެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް މެޗަށް ފަހު ބުނީ ބަޔާން މެޗުގެ ކުރިން ޗެމްޕިއަންސް ލީގުން ކެޓިކަން ޔަގީންވުމުން ބާސެލޯނާގެ ކުޅުންތެރިންނަށް އެކަމުގެ އަސަރު ކުރިކަމަށެވެ.
"އަހަރެމެންނަށް މިއަދު ބަޔާންއާ ވާދައެއް ނުކުރެވުނު. ބަޔާން މާބޮޑަށް ވެސް މޮޅު. ގްރޫޕް ސްޓޭޖުން ކެޓިކަން ޔަގީންވުމުން ޓީމަށް ސައިކޮލޮޖިކަލީ އަސަރުކުރިކަން އަހަރެންނަށް ޔަގީން" މެޗަށް ފަހު ޒަވީ ބުންޏެވެ.

މިދިޔަ ސީޒަނުގައި ވެސް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައި ބާސެލޯނާ ވާދަކުރީ ޔޫރޮޕާ ލީގުގަ އެވެ. މިއީ 1998 އަދި 1999 ވަނަ އަހަރުގެ ފަހުން ޖެހިޖެހިގެން ދެސީޒަނުގައި ބާސެލޯނާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ.

އެތުލެޓިކޯ މެޑްރިޑް ރޭ އަމިއްލަ ދަނޑުގައި ބަޔާން ލެވަކޫސަންއާ ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި ނަތީޖާއާ އެކު އެތުލެޓިކޯ މިވަގުތު އޮތީ ފަސް ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. މި ގްރޫޕުން ދެވަނަ ބުރު ޔަގީންކުރީ 10 ޕޮއިންޓް ހޯދާފައިވާ ކްލަބް ބްރޫޖް އާއި ނުވަ ޕޮއިންޓް ހޯދި އެފްސީ ޕޯޓޯ އެވެ. ފުލުގައި އޮތީ ހަތަރު ޕޮއިންޓް ލިބިފައިވާ ލެވަކޫސަން އެވެ.

ރޭގެ މެޗުގައި އެތުލެޓިކޯގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޔަނިކް ކަރަސްކޯ އާއި ރޮޑްރީގޯ ޑި ޕޯލް އެވެ. ކުރީގެ މަޝްހޫރު މިޑްފީލްޑަރު ޒަބީ އަލޮންސޯގެ ކޯޗުކަމުގައި ކުޅުނު ލެވަކޫސަންގެ ގޯލުތައް ކާމިޔާބުކޮށްދިނީ މޫސާ ޑިއާބީ އާއި ކަލުމް ހަޑްސަން-އޮޑޯއީ އެވެ.

މެޗުގެ ފަހު މިނެޓުގައި އެތުލެޓިކޯ އަށް ވަނީ ޕެނަލްޓީ އެއް ލިބި ބޭކާރުވެފަ އެވެ. އޭރިޔާ ތެރެއިން ހޭންޑްވުމުން އެތުލެޓިކޯ އަށް ލިބުނު ޕެނަލްޓީ ކަރަސްކޯ ޖެހުމުން ލެވަކޫސަންގެ ގޯލްކީޕަރު ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ.