ޗެމްޕިއަންސް ލީގް

ލެވަންޑޮސްކީގެ ދެ ގޯލާއެކު ބާސެލޯނާއަށް ބޮޑު މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރަޖްކޯ މިޑިޗް ސްޓޭޑިއަމްގައި ބާސެލޯނާ އާއި ރެޑްސްޓާ ބައްދަލުކުރި މެޗު 5-2ގެ ބޮޑު ތަފާތަކުން ބާސެލޯނާ ކާމިޔާބުކޮށްފި އެވެ.

މި މެޗުގައި ބާސެލޯނާގެ ސްޓްރައިކަރު ރޮބާޓް ލެވަންޑޮސްކީ ވަނީ ދެ ގޯލު ކާމިޔާބުކޮށްފަ އެވެ.

މެޗު ފެށިގެން ކުރިއަށްދިޔަ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ބާސެލޯނާ އިން ވަނީ ފުރަތަމަ ގޯލު ކާމިޔާބުކޮށްފަ އެވެ. އެ ގޯލު ޖެހީ ރަފީނިއާ ތަނަވަސްކޮށްދިން ރީތި ފުރުސަތަކުން އިނީގޯ މާޓިނޭޒް އެވެ. ނަމަވެސް ގިނަ ވަގުތެއް ނުވަނީސް ރޭޑް ކުރުނިޗްގެ އެހީގައި ރެޑްސްޓާގެ ސިލަސް ވަނީ މެޗުގެ 27 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރަފީނިއާގެ އެސިސްޓަކުން ލެވަންޑޮސްކީ ވަނީ އޭނާގެ ފުރަތަމަ ގޯލު ޖަހައި، ބާސެލޯނާއަށް އަލުން ލީޑު ހޯދައިދީފަ އެވެ. ފުރަތަމަ ހާފު ނިމުނީ ބާސެލޯނާ 2-1 އިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ބާސެލޯނާގެ ކުޅުން އިތުރަށް ވަރުގަދަ ކުރި އެވެ. މެޗުގެ 53 ވަނަ މިނެޓްގައި ޖުލެސް ކޮންޑޭގެ އެހީގައި ލެވަންޑޮސްކީ ވަނީ އޭނާގެ ދެވަނަ ގޯލު ވެސް ޖަހާފަ އެވެ. އޭގެ ދެ މިނެޓު ފަހުން ރަފީނިއާ އަމިއްލައަށް ވަނީ ބާސެލޯނާގެ ހަތަރުވަނަ ގޯލު ޖަހައި، އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފަ އެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ކުންޑޭގެ އެހީގައި ފަމިން ލޮޕޭޒް ވަނީ ބާސެލޯނާގެ ފަސްވަނަ ގޯލު ޖަހާފަ އެވެ. މި މެޗުގައި ރެޑްސްޓާގެ ދެވަނަ ގޯލު އައީ މެޗު ނިމުމާ ކައިރިވެފައި ވަނިކޮށެވެ. އެއީ މިލްސަން 84 ވަނަ މިނެޓްގައި ޖެހި ގޯލެކެވެ. މިއާއެކު މެޗު ނިމުނުއިރު ސްކޯބޯޑުގައި އޮތީ 5-2 ގައެވެ.

މި ފޮނި މޮޅާއެކު ބާސެލޯނާ މިހާރު ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައި، ޓޭބަލްގެ ހަވަނައަށް ޖެހިލާފަ އެވެ.