ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗުގައި ބާސެލޯނާ އިން ބަޔާން މިއުނިކް 4-1ގެ ނަތީޖާއަކުން ބަލިކޮށްފި އެވެ.
މޮންޓްޖުއިކް އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ރަފީނިއާ ވަނީ ހެޓްރިކެއް ހަދާފަ އެވެ.
މެޗު ފެށިގެން އެންމެ މިނެޓެއްވެސް ނުވަނީސް ފާމިން ލޯޕެޒްގެ ޕާހަކުން ލިބުނު ބޯޅައަކަށް ރަފީނިއާ ފުރަތަމަ ލަނޑު ޖެހި އެވެ. އެހެންނަމަވެސް 18 ވަނަ މިނެޓުގައި ހެރީ ކޭން ވަނީ ސަޖް ގްނާބްރީގެ ހުރަހަކުން ލިބުނު ބޯޅައަކުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
ބާސެލޯނާ އިން ދެވަނަ ލަނޑު ޖެހީ ލަމިނެ ޔަމާލްގެ ޕާހަކުން ލިބުނު ބޯޅައަކަށް ރޮބަޓް ލެވަންޑޮވްސްކީ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މާކް ކަސަދޯގެ ދިގު ޕާހަކުން ލިބުނު ބޯޅައަކަށް ރަފީނިއާ ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ.
ދެވަނަ ހާފުގައި ރަފީނިއާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ބަޔަންގެ ފްރީ ކިކަކުން ލިބުނު ބޯޅައަކަށް ޔަމާލް ކުރި ކައުންޓަ އެޓޭކެއްގައި ރަފީނިއާ އަށް ލިބުނު ފުރުސަތުގައި ވަނީ ފަހު ލަނޑު ޖަހާފަ އެވެ.
މި މެޗާއެކު ބާސެލޯނާ ވަނީ ޗެމްޕިއަންސް ލީގުގެ މި މަރުހަލާގެ 10 ވަނަ ގޮނޑިއަށް އަރާފަ އެވެ. ބާސެލޯނާ އިން ދެން ކުޅޭނީ ރެއަލް މެޑްރިޑާ އެކު އެލް ކްލާސިކޯގަ އެވެ.