އެފްސީ ބާސެލޯނާގެ މައްޗަށް 8-2 ގެ ތަފާތު ބޮޑު ނަތީޖާ އަކުން، ކާމިޔާބު ހޯދައި، ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލަށް ބަޔާން މިޔުނިކް ދަތުރު ކޮށްފި އެވެ.
ދެ ޓީމުގެ ސްކޮޑަށް ބަލާއިރު ދެ ޓީމަކީ ވެސް ހަމަހަމަ ދެ ޓީމެވެ. އެހެން ނަމަވެސް ދަނޑުމަތީގައި ބަޔާން ފެންވަރު ފެނުނީ ބާސާއަށް ވުރެ މާބޮޑަށް ވެސް ތަފާތު ކޮށެވެ. މެޗުގެ ކޮންމެ ހާފެއްގައި އެ ޓީމުން ހަތަރު ލަނޑު ކާމިޔާބު ކުރި އެވެ. ފުރަތަމަ ހަތަރު ލަނޑު ކާމިޔާބު ކުރީ ގާތްގަނޑަކަށް 30 މިނެޓް ތެރޭގަ އެވެ.
މެޗު ފެށިގެން ހަތަރު ވަނަ މިނެޓްގައި، ބަޔާންއިން ވަނީ ބާސާގެ ގޯލް ހުޅުވާފަ އެވެ. އެ ޓީމުގެ ލަނޑު ތޯމަސް މުލާ ކާމިޔާބު ކުރީ ރޮބަޓް ލެވަންޑޮސްކީ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ތިން މިނެޓް ފަހުން ބާސާއިން ނަތީޖާ ހަމަހަމަ ކުރީ ބަޔާންގެ ޑޭވިޑް އަލްބާ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.
މެޗުގެ 21 ވަނަ މިނެޓްގައި އީވާން ޕެރިސިޗް ވަނީ، ބަޔާން އަށް އަލުން ލީޑް ނަގައި ދީފަ އެވެ. ބަޔާންގެ ހަތަރު ވަނަ ލަނޑު މުލާ ކާމިޔާބު ކުރީ 31 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓްގައި ލުއިސް ސުއަރޭޒް ވަނީ ލަނޑު ކާމިޔާބު ކޮށް ބާސާ އަށް އުންމީދެއް ހޯދައިދީފަ އެވެ. ބަޔާންގެ ފަސް ވަނަ ލަނޑު ކާމިޔާބު ކުރީ ހޯޝުއާ ކިމިޗް އެވެ. އެ ޓީމުގެ އަނެއް ތިން ލަނޑު ކާމިޔާބު ކުރީ މެޗުގެ އެންމެ ފަހު ދިހަ މިނެޓްގަ އެވެ. ބަޔާންގެ ހަ ވަނަ ލަނޑު 82 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރޮބަޓް ލެވަންޑޮސްކީ އެވެ. ބަޔާންގެ ފަހު ދެ ލަނޑު ކަމިޔާބު ކުރީ ބާސާގެ ލޯން އެއްބަސްވުމުގެ ދަށުން ބަޔާންއަށް ކުޅެމުން ގެންދާ ފިލިޕޭ ކުޓީނިއޯ އެވެ.
މި ބޮޑު ބައްޔާއެކު، ބާސާގެ ކޯޗް ކިކޭ ސެޓިއެން އަލުން ބާސާއަށް ކޯޗް ކޮށްދިނުމުގެ ފުރުސަތު ލިބޭނެ ކަމާމެދު އެއްވެސް ޔަގީން ކަމެއް ނެތެވެ. އަންނަ އަހަރު އޮންނަ ބާސާގެ އިންތިހާބުގައި އަނެއްކާވެސް ބާސާގެ ރައީސް ކަމަށް ކުރިމަތިލާން ތައްޔާރު ވަމުން އަންނަ މިހާރުގެ ރައީސް ޖޯސެފް މާރިއާ ބާޓެމެއުގެ އަގުވެސް އެ ޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައި އިތުރަށް ވެއްޓިގެން ދިޔައީ އެވެ.
މިދިޔަ ދެ އަހަރަށް ބަލާއިރު މުބާރާތުގެ ފައިނަލާ ހަމައަށް ދިއުމަށް ބާސާއަށް ކުރިމަތި ވެފައި ވަނީ ލަދުވެތި ނަތީޖާ ތަކެކެވެ. ރޯމާ އަތުން 2018 ވަނަ އަހަރު ދެ ވަނަ ލެގްގައި ބަލިވުމުން ކްއާޓާ ފައިނަލުން ކަޓައިގެން ދިޔައީ އެވެ. މިދިޔަ އަހަރު ސެމީ ފައިނަލުގައި ލިވަޕޫލުން އަތުން ކަޓައިގެން ދިޔައީވެސް އަވޭ މެޗުގައި ބަލި ވުމުންނެވެ. އެހެންނަމަވެސް ރޭގެ ނަތީޖާ އަކި މާބޮޑަށްވެސް ލަދުވެތި ވާން ޖެހޭ ނަތީޖާ އެކެވެ.
ސެމީ ފައިނަލުގައި ބަޔާން އާ ދެކޮޅަށް ނުކުންނަ ޓީމެއް އެނގިގެން ދާނީ މިރޭ އޮލިމްޕިކް ލިޔޯން އާއި މެންޗެސްޓާ ސިޓީ ކުޅޭ މެޗުގެ ނަތީޖާއިންނެވެ.