ޔޫއެފާ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގެ ފަހު ދެ ޖާގަ، ބަޔާން މިޔުނިކް އަދި ބާސެލޯނާ ހޯދައިފި އެވެ.
ބަޔާން ކްއާޓާ ފައިނަލުން ޖާގަ ކަށަވަރު ކުރީ ރޭ އަމިއްލަ ދަނޑުގައި، ޗެލްސީގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައިގެންނެވެ. ހަތަރު މަސް ކުރިން ކުޅުނު ފުރަތަމަ ލެގު މެޗުން ވެސް ބަޔާން އޮތީ ކްއާޓާ ފައިނަލަށް ދިއުމުން ބޮޑު ޔަގީން ކަމެއް ލިބިފަ އެވެ. ލަންޑަންގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު ބަޔާން ކާމިޔާބު ކުރީ 3-0 ންނެވެ.
އޭގެ ހަތަރު މަސް ފަހުން، ރޭ މިޔުނިކްގައި ކުޅުނު މެޗަށް ނުކުތް އިރު ޗެލްސީގެ ޓީމަށް ވަނީ ސަސްޕެންޝަނާ އަނިޔާގެ މައްސަލަތައް ކުރިމަތި ވެފަ އެވެ. މެޗުގައި ބަޔާންގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ރޮބަޓް ލެވަންޑޮސްކީ އެވެ. ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 10 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ.
މެޗުގެ 24 ވަނަ މިނެޓްގައި ލެވަންޑޮސްކީ ތަނަވަސް ކޮށްދިން ފުރުސަތަކުން އީވާން ޕެރިސިޗް ބަޔާންގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރި އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓަމީ އަބްރަހަމް ލަނޑު ޖަހައި ދެ ލެގުން ޗެލްސީގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރި އެވެ. ބަޔާންގެ ތިން ވަނަ ލަނޑު ކްރިސްޓިއަން ޓޮލީސޯ ކާމިޔާބު ކުރީ 76 ވަނަ މިނެޓްގަ އެވެ. އެ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށް ދިނީ ލެވަންޑޮސްކީ އެވެ. ބަޔާންގެ ހަތަރު ވަނަ ލަނޑު ލެވަންޑޮސްކީ ކާމިޔާބު ކުރީ 83 ވަނަ މިނެޓަގަ އެވެ. ދެ ލެގުން ބަޔާން ކާމިޔާބު ހޯދީ 7-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.
ކްއާޓާ ފައިނަލަށް ބާސާ ދަތުރު ކުރީ ނަޕޯލީގެ މައްޗަށް 3-1 ން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ނޭޕަލްސްގައި ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. މެޗުގައި ކާމިޔާބު ކުރި ހަތަރު ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 10 ވަނަ މިނެޓްގައި ކްލެމެންޓް ލޭންގްލެޓް ވަނީ ބާސާއަށް ލިޑް ނަގައިދީފަ އެވެ. 23 ވަނަ މިނެޓްގައި ކެޕްޓަން ލިއޮނަލް މެސީ ލަނޑު ކާމިޔާބު ކުރި އެވެ. އޭނާ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަނުމުން ނަޕޯލީގެ ކުޅުންތެރިން އޭނާއަށް ފައުލު ކުރުމުންވެސް މެސީ ވަނީ ބޯޅަ ގެއްލުނަ ނުދީ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލަފަ އެވެ. ބާސާގެ ތިން ވަނަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔަބު ކުރީ ލުއިސް ސުއަރޭޒް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަޕޯލީއަށް ލިބުނު ޕެނަލްޓީ އަކުން ލިރޮއީ އިންސީނިއާ އެ ޓމުގެ ލަނޑު ކާމިޔާބު ކުރި އެވެ.
އެއް ލެގްގެ ފޯމެޓަށް ކުޅޭ ކްއާޓާ ފައިނަލު ބުރު ކުރިއަށްދާނީ ޕޯޗްގަލްގެ ލިޒްބަންގަ އެވެ. އަންނަ ބުދަ ދުވަހު ފަށާ ކްއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައ ވާދަ ކުރާނީ އެޓަލާންޓާ އާއި ޕީއެސްޖީ އެވެ.
ކްއާޓާ ފައިނަލުގެ މެޗުތައް
އެޓަލާންޓާ - ޕީއެސްޖީ
ލައިޕްޒިގް - އެތުލެޓިކޯ މެޑްރިޑް
ބާސެލޯނާ - ބަޔާން މިޔުނިކް
މެންޗެސްޓާ ސިޓީ - އޮލިމްޕިކް ލިޔޯން