ކުޅިވަރު

އިންޓަ އިން ބާސެލޯނާ ބަލިކޮށްފި، ބަޔާނަށް ފަސޭހަ މޮޅެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ބާސެލޯނާ 0-1 އިން އިންޓަ މިލާން އަތުން ބަލިވިއިރު އެ ގްރޫޕުގެ އަނެއް މެޗުގައި ބަޔާން މިއުނިކުން ވިކްޓޯރިއާ ޕްލަޒެން 0-5 އިން ބަލިކޮށްފި އެވެ.

އެ ގްރޫޕުގެ އެއްވަނައިގައި އޮތީ ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓް ހޯދާފައިވާ ބަޔާން މިއުނިކް އެވެ. ދެ ވަނައިގައި އޮތީ 6 ޕޮއިންޓް ލިބިފައިވާ އިންޓަ މިލާން އެވެ. ބާސެލޯނާ އަށް ތިން މެޗުން ލިބިފައިވަނީ 3 ޕޮއިންޓެވެ. ފުލުގައި އޮތް ވިކްޓޯރިއާ ޕްލަޒެން އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ރޭގެ މެޗުގައި ބާސެލޯނާ ކޮޅަށް އިންޓަ މިލާންގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ހަކަން ޗަންގަލޫ އެވެ. އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

ފުރަތަމަ ހާފުގައި އިންޓަ އިން އުފެއްދި ކައުންޓަ އެޓޭކްތަކުގައި އިތުރު ފުރުސަތުތައް ލިބުނެވެ. އަނެއްކޮޅުން ބާސެލޯނާ އިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެ ހަމަލާތައް އުފެއްދި ނަމަވެސް ފުރަތަމަ ހާފުގައި އިންޓަގެ ގޯލަށް މާބޮޑު ނުރައްކަލެއް ނުކުރެވުނެވެ. އެކަމަކު މެޗުގެ ދެވަނަ ހާފުގައި ވީއޭއާރުގެ ނިންމުންތަކާ އެކު ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒްގެ ހިތްހަމަނުޖެހުން ބޮޑުވި އެވެ.

ބަޔާނުން ރޭ މޮޅުވި މެޗުގައި ގޯލުތައް ކާމިޔާބުކޮށްދިނީ ލިރޯއި ސާނޭ އާއި ސާޖް ގްނަބްރީ، ސަޑިއޯ މާނޭ އަދި ޗުޕޯ-މޯޓިން އެވެ. މެޗުގައި ސާނޭ ދެ ގޯލު ޖެހި އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި 0-2 އިން ރޭންޖާސް ބަލިކޮށްފަ އެވެ. މި ގްރޫޕުގެ އަނެއް މެޗުގައި އަޔަކްސް އިން ވަނީ 6-1 އިން ނަޕޯލީ ބަލިކޮށްފަ އެވެ. ލިވަޕޫލް ގްރޫޕުގެ އެއްވަނައިގައި އޮތީ 9 ޕޮއިންޓާ އެކު ނަޕޯލީ އެވެ. 6 ޕޮއިންޓާ އެކު ލިވަޕޫލް އޮތީ ދެވަނައިގަ އެވެ.

ޓޮޓެންހަމް ހޮޓްސްޕާސް ރަށުން ބޭރުގައި އެއިންޓްރަކް ފްރެންކްފާޓްއާ ވާދަކުރި މެޗު ގޯލެއް ނުޖެހި އެއްވަރުވިއިރު މާސޭ ވަނީ 4-1 އިން ސްޕޯޓިން ލިސްބަން ބަލިކޮށްފަ އެވެ. އެފްސީ ޕޯޓޯ އިން ވަނީ އަމިއްލަ ދަނޑުގައި 0-2 އިން ބަޔާން ލެވަކޫސަން ބަލިކޮށްފަ އެވެ.

ރޭ އެންމެ ހައިރާން ކުރުވަނިވި ނަތީޖާ ނެރުނީ ކްލަބް ބްރޫޖުންނެވެ. އެޓީމުން ވަނީ އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑް 0-2 އިން ބަލިކޮށްފަ އެވެ. މި ގްރޫޕުގައި 3 ޕޮއިންޓާ އެކު ފުލުގައި އޮތީ އެތުލެޓިކޯ އެވެ. ބްރޫޖް ވަނީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ނޮކްއައުޓް ބުރުގެ އުއްމީދު އާކޮށްފަ އެވެ.