ޗެމްޕިއަންސް ލީގް

ޗެމްޕިއަންސް ލީގުގައި އެތްލެޓިކޯއިން ޕީއެސްޖީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް އިން ފްރާންސްގެ ޕެރިސް ސެއިންޓް-ޖަމަން (ޕީއެސްޖީ)އާ ދެކޮޅަށް ކުޅެ 2-1 އިން މޮޅުވެއްޖެ އެވެ.

ޕެރިހުގައި ކުޅުނު މި މެޗުގައި ޕީއެސްޖީގެ ފުރަތަމަ ލަނޑު ޖެހީ 14 ވަނަ މިނެޓުގައި ވަރެން ޒައިރޭ އެމެރީ އެވެ.

މި މެޗަކީ އުމުރުން 18 އަހަރުގެ އެމެރީ ޗެމްޕިއަންސް ލީގުގައި ކުޅުނު 15 ވަނަ މެޗެވެ. އަދި މިއީ މުބާރާތުގެ ތާރީހުގައި 15 މެޗުގައި ކުޅުނު އެންމެ ހަގު އުމުރުގެ ކުޅުންތެރިޔާ އެވެ.

އެތްލެޓިކޯއިން މެޗު އެއްވަރު ކުރީ 18 ވަނަ މިނެޓުގައި ނަހުއެލް މޮލީނާ ޖެހި ގޯލުންނެވެ. މި މެޗުގެ އިތުރު ވަގުތުގައި އެންހަލް ކޮރޭއާ ޖެހި ލަނޑާއެކު އެތްލެޓިކޯ އިން މެޗު ކާމިޔާބުކުރި އެވެ.

މި މޮޅާއެކު އެތްލެޓިކޯ މެޑްރިޑް ވަނީ 4 މެޗުން 6 ޕޮއިންޓާއެކު ތާވަލުގެ 23 ވަނައިގަ އެވެ. އަދި ޕީއެސްޖީ އޮތީ 4 މެޗުން 4 ޕޮއިންޓާއެކު 25 ވަނައިގަ އެވެ.

މުބާރާތުގައި ދެން އޮތް މެޗުތަކުގައި ޕީއެސްޖީ ބައްދަލުކުރާނީ ޖަރުމަނުގެ ބަޔާން މިއުނިކާ އެވެ. އެތްލެޓިކޯ މެޑްރިޑް ކުޅޭނީ ސްޕާޓާ ޕްރާގާ ދެކޮޅަށެވެ.