ޕީއެސްޖީ

ޕީއެސްޖީގެ ގޯލްކީޕަރު ޑޮންނަރުއްމާއަށް އަނިޔާވެއްޖެ

ޕީއެސްޖީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާއަށް އަނިޔާވެ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ނުކުޅެވޭނެ ކަމަށް އެ ކުލަބުން ބުނެފި އެވެ.

އުމުރުން 25 އަހަރުގެ ޑޮންނަރުއްމާގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ ފްރެންޗް ލީގުގައި މިދިޔަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ބްރެސްޓާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ޕީއެސްޖީ 3-1 އިން މޮޅުވެ، ލީގުގައި ވިދިވިދިގެން ހަތަރުވަނަ މެޗުވެސް ކާމިޔާބުކުރި އެވެ.

ދެހާސް އެކާވީސް ވަނަ އަހަރު އޭސީ މިލާނުން ޕީއެސްޖީއަށް ބަދަލުވި ޑޮންނަރުއްމާ ވަނީ މިހާތަނަށް އެ ޓީމަށް 118 މެޗު ކުޅެދީފަ އެވެ. މީގެތެރެއިން 40 މެޗުގައި ލަނޑެއް ވަނަ ނުދީ ހިފަހައްޓާފައިވެ އެވެ. އަދި 2021 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް އިޓަލީ ޓީމާއެކު ކާމިޔާބުކޮށްފައިވާ ޑޮންނަރުއްމާ ވަނީ އިޓަލީ ގައުމީ ޓީމަށް 68 މެޗު ކުޅެފަ އެވެ.

ޕީއެސްޖީ އިން ބުނާ ގޮތުގައި ޑޮންނަރުއްމާ އަނިޔާއިން ރަނގަޅުވުމަށް އެއް ހަފްތާގެ މުއްދަތަށް އަރާމުކުރަން ޖެހޭނެ އެވެ. މި މުއްދަތުގައި ޓީމުގެ ގޯލު ބަލަހައްޓާނީ ރަޝިއާގެ ގޯލްކީޕަރު މަޓްވޭ ސަފޮނޯފް އެވެ.

ޕީއެސްޖީއާ މިދިޔަ ޖޫން މަހު ގުޅުނު 25 އަހަރުގެ ސަފޮނޯފް މިހާތަނަށް އެ ޓީމަށް މެޗެއް ނުކުޅެ އެވެ. އޭނާގެ ފުރަތަމަ މެޗަކަށް ވާނީ ޗެމްޕިއަންސް ލީގުގައި އަންނަ ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޖިރޯނާއާ ދެކޮޅަށް ކުޅޭ މެޗެވެ.