ކުޅިވަރު

ޑޯޓްމަންޑް ކަޓުވާލުމަށް ފަހު ޗެލްސީ ކުއާޓާ ފައިނަލަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ދެވަނަ ލެގްގެ މެޗުގައި ރޭ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް 0-2 އިން ބަލިކޮށް ޗެލްސީ އިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި ދެޓީމު ޖަރުމަނުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗު ނިމުނީ 1-0 އިން ޑޯޓްމަންޑް މޮޅުވެގެންނެވެ. އެހެންވެ ރޭގެ މެޗަށް ނުކުތްއިރު ޗެލްސީ އަށް މޮޅުވުން ނޫން ގޮތެއް ނެތެވެ.

ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން ނަތީޖާތަށް ދަށްވި ނަމަވެސް ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުން ފުރުސަތު ލިބުމަކީ އެޓީމަށް ލިބުނު ކުރިއެރުމެކެވެ.

ރޭގެ މެޗުގައި ޗެލްސީގެ ފުރަތަމަ ގޯލު ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ޖެހީ ރަހީމް ސްޓާލިން އެވެ. އޭރިޔާ ތެރެއިން ސްޓާލިން ފަޔަށް އެރި ބޯޅަ އެއްފަހަރުން ޖަހައި ވައްދާލީ ގޯލުގެ މަތީ ކަނަށެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ޗެލްސީ އަށް ލީޑު ފުޅާކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ކައި ހަވާޓްޒް އެވެ. ޗެލްސީ އަށް ޕެނަލްޓީ ދިނީ ބެން ޗިލްވެލް ނެގި ހުރަހެއް ޑޯޓްމަންޑުގެ މަރިއުސް ވުލްފް އަތުގައި ޖެހުމުންނެވެ.

ހަވާޓްޒް އެންމެ ފުރަތަމަ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެކަމަކު އެވަގުތު ބައެއް ކުޅުންތެރިން އޭރިޔާ ތެރޭގައި ތިބުމުން ރެފްރީ ވަނީ ޕެނަލްޓީ އަލުން ޖަހަން ދީފަ އެވެ. ދެވަނަ ވަނަ ފަހަރު ފޮނުވާލި ބޯޅަ ހަވާޓްޒް ވަނީ ކާމިޔާބުކޮށްފަ އެވެ. އެކަމަކު އެފަހަރު ވެސް ބައެއް ކުޅުންތެރިން އޭރިޔާ ތެރޭގައި ތިބުމުން ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

މެޗަށް ފަހު ޕޮޓާ ބުނީ ޗެލްސީގެ ކުޅުންތެރިން މެޗުގައި މޮޅު ކުޅުމެއް ދެއްކި ކަމަށާއި ސަޕޯޓަރުން ޓީމަށް ދިން ތަރުހީބު ވެސް ފާހަގަކުރާ ކަމަށެވެ.

"އަހަރެމެން ވާދަކުރަން ޖެހުނީ ނަތީޖާތައް ރަނގަޅު ޓީމަކާ. ދެ މެޗަށް ބަލާއިރު އަހަރެންނަށް ގަބޫލުކުރެވެނީ ޗެލްސީ އަށް ކުއާޓާ ފައިނަލް ހައްގުކަން. މިއީ ހާއްސަ ރެޔެއް" ނަތީޖާ ނުނެރެވޭތީ ފާޑުކިޔުން އަމާޒުވެފައިވާ ކޯޗު ބުންޏެވެ.

ޗެލްސީއާ ދެކޮޅަށް ނުކުތްއިރު ޑޯޓްމަންޑް އޮތީ ރަނގަޅު ފޯމެއްގަ އެވެ. ރޭގެ މެޗަކީ މި އަހަރު ފެށުނުފަހުން ޑޯޓްމަންޑް ބަލިވި ފުރަތަމަ މެޗެވެ. ޖަރުމަނު ލީގުގައި ވެސް އެޓީމު އަންނަނީ އެއްވަނައިގައި އޮތް ބަޔާން މިއުނިކާ ވާދަކުރަމުންނެވެ.

ޗެމްޕިއަންސް ލީގުގައި ރޭ 1-5 އިން ކްލަބް ބްރޫޖް ބަލިކޮށް ބެންފީކާ ވެސް ވަނީ ކުއާޓާ ފައިނަލުން ފުރުސަތު ހޯދާފަ އެވެ. މި ދެޓީމުގެ ފުރަތަމަ ލެގްގެ މެޗު ބެންފީކާ އިން ކާމިޔާބުކުރީ 0-2 އިންނެވެ. ކުއާޓާ ފައިނަލްގެ ޖާގަ އެޓީމަށް ލިބުނީ 1-7 ގެ އެގްރިގޭޓުންނެވެ.