ޗެލްސީ

ޗެލްސީން ސުޕާ ކަޕް ކާމިޔާބު ކޮށްފި

ވިއަރެއާލް އާއި ބައްދަލުކޮށް ޗެލްސީން ސުޕާ ކަޕް ކާމިޔާބު ކޮށްފި އެވެ.

މިދިޔަ ސީޒަންގެ ޕްރިމިއާ ލީގު ޗެމްޕިއަން ޗެލްސީ އާއި ޔޫރަޕާ ލީގުގެ ޗެމްޕިއަން ވިއަރެއާލް ބައްދަލު ކުރި މި މެޗުން ޗެލްސީ މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ.

ވިންޑްސާ ޕާކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީ ޗެލްސީންނެވެ. ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ކައި ހާވެޒް ނަގައިދިން ހުރަހެއް ގޯލުގެ ދުރު ކަނަށް ވައްދާލައިގެން މިގޯލު ޗެލްސީއަށް ކާމިޔާބު ކޮށްދިނީ ހަކީމް ޒިޔެކް އެވެ.

ޗެލްސީގެ މިގޯލާއި އެކު ވިއަރެއާލް އިން ވަނީ ކުޅުން ރަނގަޅުކޮށް ގޯލު ޖެހުމަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން ބޫލައެ ޑިއާ ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު މެންޑީ ދިފާއު ކުރި އިރު، ޗެލްސީގެ ކުޑަ އޭރިއާ ކައިރިން އަލްބާޓޯ މޮރޭނޯ ފޮނުވާލި ބާރު ހަމަލާ ގޯލުގެ މަތީ ދަނޑީގައި ޖެހިފައި ނުކުތީ ބޭރަށެވެ. އޭގެ ފަހުން ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުން ރޫބެން ލޮފްޓަސް ޗީކް، ހަނި އޭންގަލުން ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.

ވިއަރެއާލްއިން ނަތީޖާ ހަމަކުރީ ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި ޖެރާޑް މޮރޭނޯ އެވެ. މި ގޯލަކީ ބޫލައެ ޑިއާ ދިން ކަޓް ޕާހަކުން މޮރޭނޯ ކާމިޔާބު ކުރި ވަރަށް ރީތި ޓީމް ގޯލެކެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން ދެޓީމު އެއްވަރު ވެގެންނެވެ.

އެހެން ކަމުން މެޗުގެ ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެހާފުގައި ވެސް ނަތީޖާ ނުނެރެވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޖަހައިގެން ޗެލްސީ މޮޅުވީ 6-5 އިންނެވެ.