އިނގިރޭސި ޕްރިމިއަ ލީގުގެ ކުލަބް ޗެލްސީގެ ވެރިންގެ މެދުގައި ބޮޑު އަރާރުމެއް އުފެދި އެއްބަޔަކު އަނެއްބައެއްގެ ހިއްސާ ގަތުމަށް މަސައްކަތްކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓުތަކުން ހާމަވެއްޖެ އެވެ.
ޗެލްސީގެ ޗެއާމަން ޓޮޑް ބޮއެލީ ވަގުތީ ސްޕޯޓިން ޑިރެކްޓަރުކަމުގެ މަގާމުން ދުރުވުމާއެކު، އަނެއް ހިއްސާދާރު ކްލިއަލޭކުގެ ބައިވެރިވެރިޔާ ބެޣްދާދް އެގްބާލީ ވަނީ ކުލަބުގެ ގިނަ ކަންކަމުގެ ކޮންޓްރޯލް ނަގާފަ އެވެ.
މިހާރު ދެފަރާތުންވެސް މަސައްކަތް ކުރަމުންދަނީ އަނެއްފަރާތުގެ ހިއްސާ ގަތުމަށްކަމަށް ބުނެވެ އެވެ.
ދެހާސް ބާވީސް ވަނަ އަހަރު ރަޝިއާގެ މުއްސަނދި ވިޔަފާރިވެރިޔާ ރޯމަން އަބްރަމޮވިޗްގެ އަތުން 2.5 ބިލިއަން ޕައުންޑަށް ޗެލްސީ ގަތް ފަރާތްތަކުގެ މެދުގައި މިހާރު މިވަނީ ބޮޑު ހަމަނުޖެހުމެއް އުފެދިފަ އެވެ.
ޗެލްސީގެ 61.5 އިންސައްތަ ހިއްސާ ކްލިއަލޭކް ކޮންޓްރޯލްކުރާއިރު، ބޮއެލީ ކޮންޓްރޯލްކުރަނީ 38.5 އިންސައްތަ ހިއްސާ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ބޮއެލީ މަސައްކަތްކުރަނީ ކްލިއަލޭކްގެ ހިއްސާ ގަނެ ޗެލްސީ އަމިއްލަ ކުލަބަކަށް ހެދުމަށެވެ. ނަމަވެސް ކްލިއަލޭކު މިކަމާ ދެކޮޅު ހަދައި، ބޮއެލީގެ ހިއްސާ ގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ބޮއެލީއާއި ކްލިއަލޭކްގެ ބާރުގެ ދަށުން ޗެލްސީގެ ކަންކަން އެދެވޭ ގޮތެއްގައި ކުރިއަށް ނުދާކަމަށް ބުނެ ސަޕޯޓަރުންގެ ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒުވެފައިވެ އެވެ.
މި ސީޒަނަށް އެކަނިވެސް 200 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހަރަދުކޮށް 12 އާ ކުޅުންތެރިން ގެނެސް ޗެލްސީގެ މިހާރުގެ ސީނިއާ ސްކޮޑުގައި 42 ކުޅުންތެރިން އެބަތިއްބެވެ.