އިނގިރޭސި ބޮޑު ކްލަބް ޗެލްސީ އިން ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
ހޫނު މޫސުމުގައި ޔޫރަޕްގައި ކުޅުންތެރިން ގަތުމުގެ ފުރުސަތު ހުޅުވާލުމަށް ވަގުތު ކުޑަތަންވެފައިވާއިރު ޔޫރަޕްގެ ބޮޑެތި ކްލަބް ތަކުން ގެންދަނީ ޓީމުތައް ވަރުގަދަ ކުރުމަށް މޮޅެތި ކުޅުންތެރިންނަށް ފާރަލަމުންނެވެ. އެގޮތުން ޗެލްސީން މިވަނީ ބްރެޒިލްގެ ތަރި ފްރެންޗް ލީގްގެ ޗެމްޕިއަން ޕީއެސްޖީގެ ކުޅުންތެރިޔާ ނޭމާ ޗެލްސީ އަށް ގެނަމަށް ވާހަކަތައް ފަށާފަ އެވެ.
މި ސީޒަންގައި މިހާތަނަށް ޕީއެސްޖީގައި ނޭމާ، 31 ވަނީ 29 މެޗެއް ކުޅެ 18 ގޯލް ޖަހައި އެއް އެސިސްޓް ފޯރުކޮށްދީފަ އެވެ. ނަމަވެސް މުޅި ސީޒަނުގައި ކަހަލަ ގޮތަކަށް އަނިޔާއާއި ހެދި އެންމެ އެކަށީގެންވާ ކުޅުމެއް ދެއްކިފައި ނުވާއިރު ޕީއެސްޖީން ވަނީ ނަން ވަރުގަދަ ކުޅުންތެރިންތަކެއް ދޫކޮށްލުމަށް ނިންމާފަ އެވެ. މީގެ ތެރޭގައި ނޭމާ ހިމެނުން އެކަށީގެންވެ އެވެ.
ޕީއެސްޖީ އިން ނޭމާ ދޫކޮށްލަން ވިސްނަމުންދާއިރު ޕީއެސްޖީގެ ލޯ މިވަގުތު އަމާޒުވެފައި ހުރީ އިނގިރޭސި ކްލަބް މެންޗެސްޓާ ސިޓީގެ ޕޯޗްގަލް ތަރި ބާނާޑޯ ސިލްވާ މިއަންނަ ސީޒަން ފެށުމުގެ ކުރިން ޕީއެސްޖީއަށް ގެނައުމަށެވެ. ނޭމާ ދޫކޮށްލައިފިނަމަ ބޮޑު މާލީ އެހީތެރިކަމެއް ޕީއެސްޖީއަށް ލިބިގެންދާނެތީ އެއީ ސިލްވާ ގެނައުމަށް ޕީއެސްޖީއަށް ލިބޭނެ އިތުރު ފުރުސަތެކެވެ.
ހޫނު މޫސުމުގައި ބާސެލޯނާ އިން 2017 ވަނަ އަހަރު ނޭމާ ޕީއެސްޖީއަށް ގެންދިޔައީ ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށެވެ.
ޗެލްސީން މި ސީޒަން ނިންމާލަން ޖެހުނީ ވަރަށް ދަތި ހާލެއްގައި ޓޭބަލްގެ 12 ވަނައިގައި އޮވެގެންނެވެ. ޓީމުގެ ކޯޗް ބަދަލުކޮށް ޕީއެސްޖީގެ ކުރީގެ ކޯޗް އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ވެސް ދާދި ފަހުން ޗެލްސީއަށް ގެންގޮސްފައިވެ އެވެ. މައުރީސިއޯ ގެނައުމުން އޭނާ ވަނީ ނަން މަޝްހޫރު މޮޅެތި ކުޅުންތެރިން ޗެލްސީއަށް ގެންދިއުމުގެ މަސައްކަތް ފަށާފަ އެވެ.
މިދިޔަ ހޫނު މޫސުމުގައި ޗެލްސީގެ ވެރިޔާ ކަމާ ޓޮޑް ބޯލީ ހަވާލުވެ މިހާތަނަށް ވަނީ މޮޅެތި ކުޅުންތެރިން ގެނައުމަށް 600 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ. ހޫނު މޫސުމުގެ ޓްރާންސްފާއަށް ހުޅުވެން ކައިރިވެފައިވާއިރު މޭސަން މައުންޓް އަދި ކައި ހެވާޒް ސްޓެމްފާޑް ބްރިޖް ދޫކޮށްލާނެ ކަމަށް ބެލެވޭއިރު ޗެލްސީން އޭގެ ބަދަލުގައި ނޭމާ ގެނައުމުގެ ފުރުސަތު އެބައޮތެވެ.