އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ވެސްޓްހަމް ޔުނައިޓެޑް ވާދަކުރި މެޗު ޗެލްސީން ކާމިޔާބުކޮށްފި އެވެ.
ވެސްޓްހަމްގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާ އަކުންނެވެ.
ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އިން ވަނީ ދެ ގޯލު ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފަ އެވެ. އަދި ތިންވަނަ ގޯލު ޗެލްސީ އިން ކާމިޔާބު ކުރީ މެޗުގެ ދެވަނަ ހާފުގައެވެ.
މެޗުގެ ފުރަތަމަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ޗެލްސީން ވަނީ ލީޑު ނަގާފަ އެވެ. ޖޯޑަން ސެންޗޯ ތަނަވަސް ކޮށްދިން ފުރުސަތަކުން މި ގޯލު ޗެލްސީއަށް ކާމިޔާބުކޮށް ދިނީ ނިކޮލަސް ޖެކްސަން އެވެ.
މީގެ އިތުރުން މެޗުގެ 18 ވަނަ މިނެޓުގައި ޗެލްސީ އިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ފަރަގު ބޮޑުކޮށްފަ އެވެ. މި ގޯލުވެސް ޗެލްސީއަށް ކާމިޔާބުކޮށް ދިނީ ނިކޮލަސް ޖެކްސަންއެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސްޓްހަމް އިން ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކުރި ނަމަވެސް އެ ޓީމަށް ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން ހިފޭ ގޮތެއް ނުވި އެވެ. މި ހާފުގައިވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ޗެލްސީ އިންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ދެވަނަ ހާފު ފަށައިގެން ގިނައިރުތަކެއް ނުވަނީސް ޗެލްސީ އިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްފަ އެވެ. މެޗުގެ 47 ވަނަ މިނެޓުގައި ނިކޮލަސް ޖެކްސަން ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ޗެލްސީ އަށް ކާމިޔާބުކޮށް ދިނީ ކޯލް ޕާމާ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އިން މިހާތަނަށް ފަސް މެޗު ކުޅެފައިވާއިރު މީގެތެރެއިން ތިން މެޗު އެ ޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި އެއް މެޗުން އެއްވަރު ވެފައިވާއިރު މި ސީޒަންގައި އަދި ޗެލްސީ ބަލިވެފައިވަނީ އެއް މެޗުންނެވެ.