އެތުލެޓިކޯ މެޑްރިޑް

އޮބްލެކްގެ އަގު 120 މިލިއަން ޔޫރޯއަށް

ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ، އެތުލެޓިކޯގެ މެޑްރިޑްގެ ކީޕަރުގެ ޔޭން އޮބްލެކްގެ ޓްރާންސްފާގެ އަގަށްވާ 120 މިލިއަން ޔޫރޯ ދެއްކުމުން، އޭނާ ދޫކޮށްލަން އެތުލެޓިކޯއިން ތައްޔާރަށް އޮތްކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އޮބްލެކްޣެ ރިލީޒް ކްލޯސް އަކީ 120 މިލިއަން ޔޫރޯ އެވެ. ދުނިޔޭގެ އެންމެ އަގު ބޮޑު ކީޕަރުގެ ގޮތުގައި ދެ އަހަރު ކުރިން ޗެލްސީއަށް ބަދަލުވި ކެޕާ އަރިޒަބަލަގާގެ ފޯމް ދަަށްވެ ހެދޭ ގޯސްތައް ގިނަވެ ކްލަބަށް ލިބުނު ގެއްލުމުގެ ސަބަބުބުން ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑްގެ 100 ޕަސަންޓް އިތުބާރު މިހާރު ކެޕާއަށް ވަނީ ގެއްލިފަ އެވެ. ލީގްގެ އެންމެ މުހިންމު މެޗަށް ރޭ ނުކުތް އިރު މެޗުގެ ސްކޮޑުން ކެޕާއަށް ޖާގަ ދިނީ ވެސް ބެންޗުންނެވެ.

އެތުލެޓިކޯ މެޑްރިޑުން 2011 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ޑޭވިޑް ޑެހެއާގެ ކުޅުމާމެދު ވެސް ޔުނައިޓެޑުން މިހާރު ހިތްހަމައެއް ނުޖެހެ އެވެ. އެފްއޭ ކަޕް ސެމީ ފައިނަލުގައި ޗެލްސީ އަތުން ޔުނައިޓެޑް ބަލިވީ ޑެހެއާގެ އަށް ހެދުނު އާދައިގެ މިސްޓޭކުތަކުންނެވެ.

ޓްރާންސްފާގެ ޚަބަރުތައް ބުނާ ގޮތުގައި ޔުނައިޓެޑާއި ޗެލްސީން ވެސް ދަނީ އެ ޓީމުގެ މިހާރުގެ ކީޕަރުންގެ މަގާމަށް ބަދަލު ގެނައުމަށް ވިސްނަމުންނެވެ.

އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނޭ ދާދި ފަހުން ބުނެފައި ވަނީ، އޮބްލެކް ގެންދަން ޔޫރަޕްގެ ބޮޑެތި ކުލަބުތަކުން ބޭނުންވުމަކީ ހައިރާންވާންވީ ކަމެއް ނޫން ކަމަށެވެ.

"ކޮންމެ އަހަރަކު ވެސް އަހަރެމެންގެ އެންމެ މޮޅެތި ކުޅުންތެރިން ގެންދިއުމަށް ދުނިޔޭގެ އެންމެ ބޮޑެތި ކުލަބުތަކުން ބޭނުން،" ސިމިއޯނޭ ބުނެފައި ވެއެވެ. "އަހަރެން ހައިރާނެއް ނުވޭ އެކަމަކާ، އެއީ އަހަރެމެންގެ މިތިބަ ކުޅުންތެރިންނަކީ ކޮލިޓީ ކުޅުންތެރިން، އޮބްލެކް އަކީ އަހަރެމެންގެ ކެޕްޓަނެއް، އޭނާ ގެންދަން ހުރިހާ ކުލަބަކުން ވެސް ބޭނުން ވާނެ."

ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި ލިވަޕޫލްގެ ދަނޑުގައި އެ ޓީމު ބަލި ކުރުމަށް ފަހު ސިމިއޯނޭ ބުނީ، އޮބްލެކް އަކީ ގޯލްކީޕިން ޕޮޒިޝަންގައި މެސީ ކަމަށެވެ.

އޮބެލްކްގެ ޓްރާންސްފާ އަށް ޗެލްސީން 90 މިލިއަން ޔޫރޯ އާއެކު ކެޕާ އެތުލެޓިކޯއަށް ދޭން ހުށަހެޅި ކަމަށް ވެސް ޓްރާންސްފާގެ ޚަބަރުތަކުގައި ވެއެވެ.

އޮބެލްކެގެ ބަދަލުގައި ކެޕާ ގެންދަން އެތުލެޓިކޯ ބޭނުމެއް ނުވެ އެވެ. އެ ޓީމުން ބޭނުން ވަނީ ޓްރާންސްފާގެ ފުލް އަގު ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އޮބްލެކް ވިއްކާލައިފިނަމަ ބަދަލުގައި އެ ޓީމުން ގެންދަން ބޭނުންވާ ކީޕަރުންގެ ލިސްޓްގައި ހިމެނެނީ އަޔެކްސްގެ އެންޑްރޭ އޮންނާ، ބާންލީ ނިކް ޕޯޕް އަދި ޔުނައިޓެޑްގެ ލޯން އެއްބަސްވުމެއްގެ ދަށުން ޝެފީލްޑް ޔުނައިޓެޑަށް ކުލެމުންގެންްދާ ޒުވާން ކީޕަރު ޑިން ހެންޑަސަން އެވެ.