ކުޅިވަރު

ޔުނައިޓެޑާއި ލިވަޕޫލް މޮޅުވިއިރު ޗެލްސީ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް އަމިއްލަ ދަނޑުގައި މޮޅުވިއިރު ޗެލްސީ ރަށުން ބޭރުގައި ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ.

ޔުނައިޓެޑް ރޭ ވަނީ މޮޅު ކުޅުމެއް ދައްކައި 0-2 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފަ އެވެ. ލިވަޕޫލް މޮޅުވީ ވެސްޓް ހޭމް ޔުނައިޓެޑާ ވާދަކޮށް 0-1 އިންނެވެ. ބްރެންޓްފޯޑާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗު ނިމުނީ 0-0 އިންނެވެ.

ޓޮޓެންހަމް މެޗުގައި ޔުނައިޓެޑުން ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ޓޮޓެންހަމްގެ ގޯލަށް ފޮނުވާލި 19 ހަމަލާއަކީ މި ސީޒަނުގެ ރެކޯޑެކެވެ. ޔުނައިޓެޑްގެ އެންތަނީ، މާކަސް ރަޝްފާޑް، ފްރެޑް، ބްރޫނޯ ފެނާންޑޭސް، ޖޭޑަން ސަންޗޯ އާއި ފްރެޑް ގޯލާ އަމާޒުކޮށްލި ބޯޅަތައް ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.

ދެ ވަނަ ހާފު ޔުނައިޓެޑުން ފެށީ ގޯލަކުންނެވެ. މި ހާފުގެ ދެ ވަނަ މިނެޓުގައި ޔުނައިޓެޑްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ފްރެޑް އެވެ. އޭރިޔާ ބޭރުން ފްރެޑް ޖެހި ބޯޅަ ގޯލަށް ވަނީ ޓޮޓެންހަމްގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ. ޔުނައިޓެޑްގެ ދެ ވަނަ ގޯލު ފްރެޑްގެ އެހީތެރިކަމާ އެކު 69 ވަނަ މިނެޓުގައި ޖެހީ ބްރޫނޯ އެވެ. މެޗުގެ ފަހުކޮޅު ބްރޫނޯ ޖެހި އިތުރު ގޯލެއް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ވަނީ ކެންސަލްކޮށްފަ އެވެ. އެއީ އެވަގުތު ބްރޫނޯ އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.

ލީގުގައި ރޭ ލިވަޕޫލުން ވެސްޓް ހޭމް ބަލިކުރި މެޗުގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ޑާވިން ނޫނޭޒް އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ވެސްޓް ހޭމް އަށް ޕެނަލްޓީއެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ޖެރޮޑް ބޮވެން ޖެހި ޕެނަލްޓީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ މަތަކުރީ އެވެ.

ދެވަނަ ހާފުގައި ލިވަޕޫލަށް ގޯލު ޖަހާނެ އިތުރު ފުރުސަތުތައް ލިބުނެވެ. އެކަމަކު އެޓީމުގެ މުހައްމަދު ސަލާހް އަށް އެ ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

ޗެލްސީ ރޭ އެއްވަރުވި މެޗުގައި ބްރެންޓްފޯޑުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ބްރެންޓްފޯޑުން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ހުއްޓުވުމުގައި ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ މޮޅު ކުޅުމެއްދެއްކި އެވެ.

ރޭގެ މޮޅާ އެކު ޔުނައިޓެޑް އޮތީ 10 މެޗުން ލިބުނު 19 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ. ލިވަޕޫލް 10 މެޗުން 16 ޕޮއިންޓް ހަމަކޮށް ހަތް ވަނަ އަށް ކުރިއަށް ޖެހިލިއިރު ޗެލްސީ އޮތީ 20 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބޯންމައުތުގެ ދަނޑުގައި ސައުތެމްޓަން ވަނީ 1-0 އިން މޮޅުވެފަ އެވެ. ނިއުކާސަލް ޔުނައިޓެޑް އަމިއްލަ ދަނޑުގައި އެވަޓަން އަތުން މޮޅުވީ 0-1 އިންނެވެ. މި މޮޅާ އެކު 11 މެޗުން 18 ޕޮއިންޓް ހޯދައި ނިއުކާސަލް އޮތީ ހަ ވަނައިގަ އެވެ.