ބާންލީގެ މައްޗަށް، 4-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ ފަހަތުގައި ލިވަޕޫލުން ވިއްދައިފި އެވެ.
އިއްޔަ އެންމެ ފާހަގަ ކުރެވުނު މެޗަކަށްވީ، އާސެނަލް އާއި މެންޗެސްޓާ ޔުނައިޓަޑް ކުޅުނު މެޗެވެ. އާސެނަލް އަތުން 2-0 ބަލިވެ، ޔުނައިޓަޑްގެ ވަގުތީ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ޕްރިމިއާ ލީގްގައި ފުރަތަމަ ފަހަރަށް ބަލިވީ އެވެ. އާސެނަލްއަށް ލިބުނު މޮޅާ އެކު އެ ޓީމު ވަނީ އުތުރު ލަންޑަންގައި އެ ޓީމާ ވާދަވެރި ކުލަބު ޓޮޓެންހަމް އާއި އެއް ޕޮއިންޓަށް ގާތްކޮށްފަ އެވެ.
ގްރެނިޓް ޜަކާ ފުރަތަމަ ހާފުގައި ކާމިޔާބު ކުރި ގޯލުންނާއި، ޕީއާރޭ އެމްރިކް އޮބާމެޔެންގް ދެ ވަނަ ހާފުގައި ކާމިޔާބު ކުރި ޕެނަލްޓީން، މެޗުގެ ނަތީޖާ އާސެނަލް ކޮޅަށް އެނބުރިގެން ދިޔަ އެވެ. ޝޮލްސަޔާގެ 13 ވަނަ މެޗުގައި، ލީގްގައި އޭނާ ފުރަތަމަ ފަހަރަށް ބަލި ވިނަމަވެސް، އޭނާ ވަނީ، ޑިސެމްބަރު މަހު ޔުނައިޓަޑާ ހަވާލުވެ، އެ ޓީމުގެ ފެންވަރު ބޮޑުތަނުން ރަނގަޅު ކޮށްފަ އެވެ.
ސޮލްސަޔާގެ ކޯޗު ކަމުގައި ލީގްގައި އޭނާ ވަނީ 10 މެޗުން މޮޅުވެފަ އެވެ. ދެ މެޗުން އެއް ވަރުވީ އެވެ. ހޯޒޭ މޮރީނިއޯ ކޯޗު ކަމުން ވަކިކޮށް، އޭނާ ކޯޗު ކަމާ ހަވާލުވިފަހުން، މީ ރަށުން ބޭރުގައި ފުރަތަމަ ފަހަރަށް އޭނާ ވީ ބައްޔެވެ.
ލިވަޕޫލާއި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގައި، ލިވަޕޫލް މޮޅުވީ، ރޮބާޓޯ ފިރުމީނޯ އާއި ސެޑިއޯ މާނޭ ކާމިޔާބު ކުރި ލަނޑުތަކުންނެވެ. ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ވަޓްފޯޑްގެ ލަނޑުތައް ކާމިޔާބު ކުރީ އެޝްލީ ވެސްޓްވުޑް އާއި ޔޯހަން ބާގް ގޮތަމޮންސަން އެވެ. ސިޓީ އާއި ލިވަޕޫލާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ.
ވޮލްވާހެމްޓަން ވޮންޑާސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން، ޗެލްސީ ބަލި ނުވެ ސަލާމަތްވީ ހަމަ ކިރިޔާ އެވެ. މެޗުގެ 56 ވަނަ މިނެޓްގައި ވޮލްވާގެ ރައުލް ހިމެނޭޒް އެ ޓީމަށް ނަގައިދިން ލީޑާއެކު މެޗު ނިމެން ދަނިކޮށް، ޗެލްސީ ބަލި ނުވެ ސަލާމަތްވީ މެޗުގެ 92 ވަނަ މިނެޓްގައި، އެޑެން ހަޒާޑް ކާމިޔާބު ކުރި ލަނޑުންނެވެ.