ކުޅިވަރު

މެންޗެސްޓާގެ ދެ ޓީމް މޮޅުވިއިރު ޗެލްސީ އެއްވަރު

އާސެނަލްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން މެންޗެސްޓާ ސިޓީ މޮޅުވިއރު، އެ ކުލަބު ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ނިއުކާސަލް އާ ދެކޮޅަށް ކުޅުނު މެޗު 4-1 ން ކާމިޔާބު ކޮށްފި އެވެ.

ސައުތުހެމްޓަން އަތުން މޮޅުވާން ދިޔަ ޗެލްސީ އެއްވަރުވީ މެޗުގެ އެންމެ ފަހު ވަގުތުގައި ސައުތުހެމްޓަން އިން އިން ކާމިޔާބު ކުރި ލަނޑާއެކު 3-3 ންނެވެ.

މެންޗެސްޓާ ސިޓީ އާއި އާސެނަލް ކުޅުނު މެޗަކީ، ޕެޕް ގާޑިއޯލާ އާއި އޭނާގެ ކުރީގެ އެސިސްޓެންޓް މިކަލް އާޓެޓާގެ ކުރިމަތިލުމަކަށް ވާތީ އެ މެޗު އޮޓީ ހާއްސަ ވެފަ އެވެ. އާޓެޓާ އާއި ގާޑިއޯލާ ވަކި ވުމަަށް ފަހު ކުޅުނު ފުރަތަމަ މެޗު މިދިޔަ ސީޒަންގެ އެފްއޭ ކަޕް ސެމީ ފައިނަލްގައި އާސެނަލްއިން ކާމިޔާބު ކުރި އެވެ. ރޭގެ މެޗުގައި ސިޓީގެ ލަނޑު ކާމިޔާބު ކުރީ ރަހީމް ސްޓާލިން އެވެ.

ޔުނައިޓެޑާއި ނިއުކާސަލްގެ މެޗުގައި ފުރަތަމަ ލީޑް ނެގީ ނިއުކާސލްއިން ނެވެ. އެ ޓީމުގެ ލަނޑަކީ ޔުނައިޓެޑްގެ ލޫކް ޝޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޔުނައިޓެޑަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ހެރީ މެގްއާ އެވެ. ދެ ވަނަ ހާފުގެ ކުރީ ކޮޅު ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ނާކާމިޔާބު ވި އެވެ. ބުރުނޯ ފެނާންޑޭޒް ފޮނުވާލި ޕެނަލްޓީ ނިއުކާސަލްގެ ކީޕަރު ކާލޯ ޑާލޯ ދިފާއު ކުރި އެވެ.

މެޗު އެއްވަރުވާނެ ކަމަށް ބެލެވުނު ނަމަވެސް ޔުނައިޓެޑް މޮޅުވީ އެންމެ ފަހު 10 މިނެޓްގައި ކާމިޔާބު ކުރި ތިން ލަނޑުންނެވެ. ޔުނައިޓެޑަށް ލީޑް ނަގައިދިނީ މެޗުގެ 86 ވަނަ މިނެޓްގައި ބުރުނޯ ފެނާންޑޭޒް އެވެ. އޭގެ ހަތަރު މިނެޓް ފަހުން 90 ވަނަ މިނެޓްގައި އާރޮން ވެން ބިސާކާ ޔުނައިޓެޑަށް ނަތީޖާ ފުޅާ ކޮށްދިނެވެ. ޔުނައިޓެޑްގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ މާކޯސް ރަޝްފާޑް އެވެ.

ޗެލްސީ އާއި ސައުތުހެމްޓަން މެޗުގައި ޗެލްސީއަށް މޮޅު ނުވެވުނީ އެ ޓީމަށް ކުރިމަތި ވެފައިވާ ޑިފެންސް މައްސަލަ އާ ގުޅިގެންނެވެ. ޓީމުގެ މިހާރުގެ އެއް ވަނަ ކީޕަރު އެޑްއާޑް މެންޑީއަށް އަނިޔާވެފައި ވުމުން ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑް މެޗުން ފުރުސަތު ދިނީ ފޯމު ގެއްލިފައިވާ ކެޕާ އަރީޒަބަލާ އަށެވެ.

ސައުތުހެމްޓައިން ވަނީ ޗެލްސީ ދެ ލަނޑުގެ ލީޑެއް ނެގިފަހުން ފަހަތުން އަރައި އެ ނަތީޖާވެސް ހަމަހަމަ ކޮށްފަ އެޗެ. ޗެލްސީގެ ފުރަތަމަ ދެ ލަނޑު ކާމިޔާބު ކުރީ ޓީމޯ ވާނާ އެވެ. ފުރަތަމަ ހާފު ނިމުގެ ކުރިން ޑެނީ އިންގްސް ސައުތުހެމްޓަންގެ ފުރުތަމަ ލަނޑު ކާމިޔާބު ކުރި އެވެ. މެޗުގެ 57 ވަނަ މިނެޓްގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޗޭ އެޑަމްސް އެވެ.

އޭގެ ދެ މިނެޓް ފަހުން ކައި ހަވަޓްޒް، ޗެލްސީއަށް އަލުން ލީޑް ނަގައިދިނެވެ. އެ ލަނޑާއެކު ޗެލްސީ ލީޑްގައި އޮވެގެން މެޗު ނިމެން ދަނިކޮށް ސައުތުހެމްޓަންގެ ވެސްޓަގާޑް ވަނީ އެ ޓީިމުގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށް ނަތިޖާ ހަމަހަމަ ކޮށްފަ އެވެ.