ކުޅިވަރު

ސެމީގައި ޔުނައިޓެޑާއި ޗެލްސީ ކުރިމަތިލުމަކަށް

އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި، 2018 ވަނަ އަހަރުގެ ފައިނަލްގައި ކުޅުނު ދެ ޓިމު ކަމަށްވާ ޔުނައިޓެޑާއި ޗެލްސީ ވާދަ ކުރަން ޖެހިއްޖެ އެވެ.

ކްއާޓާ ފައިނަލުގެ އެންމެ ފަހު މަރުހަލާގައި ޕްރިމިއާ ލީގްގެ ފަސް ޓީމު ބާކީ އޮއްވައި، ސެމީ ފައިނަލުގެ ގުރުލުން ކުރިއަށް ގެންދިޔައީ ނިއުކާސަލް ޔުނެއިޓެޑްގެ ސެއިންޓް ޖޭމްސް ޕާކުގައި މެންޗެސްޓާ ސިޓީ އާއި ނިއުކާސަލް ކުޅުނު މެޗުގެ ހާފް ޓައިމްގަ އެވެ. ފުރަތަމަ ހާފަށް އެ މެޗު މެދުކަނޑާލިއިރު ޕެޕް ގާޑިއޯލާ ގެ ޓީމު އޮތީ 1-0 ން ކުރީގަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުން ކެވިން ޑިބްރައިނާ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ނޯވިޗް ސިޓީ އާ ދެކޮޅަށް ޔުނައިޓެޑަށް މޮޅު ނުވެވުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފަހު ހާފުގެ ފަހު ވަގުތުގައި ޔުނައީޓެޑަށް ނަތީޖާ ނެރެދިނީ ޑިފެންޑަރު ހެރީ މެގްއާ ކާމިޔާބު ކުރި ލަނޑުންނެވެ. ޔުނައިޓެޑާ ދެކޮޅަށް ނުކުންނަ ޗެލްސީ ފައިނަލަށް ދަތުރު ކުރީ ރޭ ލެސްޓާ ސިޓީގެ މައްޗަށް 1-0 ން މޮޅު ވެގެންނެވެ. ޗެލްސީގެ ލަނޑު ކާމިޔާބު ކުރީ ރޯސް ބާކްލީ އެވެ.

ޔުނައިޓެޑާއި ޗެލްސީ ވަނީ، 2018 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ފައިނަލުގައި ވާދަ ކޮށްފަ އެވެ. ހޯޒޭ މޮރީނިއޯގެ އޭރު ކޯޗް ކޮށްދިން ޔުނައިޓެޑްގެ މައްޗަށް އެންޓޯނިއޯ ކޮންޓޭ އޭރު ކޯޗް ކޮށްދިން ޗެލްސީ ކުރި ހޯދީ 1-0 ންނެވެ. އެ މެޗުގައި ޗެލްސީއަށް ލަނޑަކީ މިހާރު ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އެޑެން ހަޒާޑް ޕެނަލްޓީ އަކުން ކާމިޔާބު ކުރި ލަނޑެކެވެ.

ސިޓީ އާއި ނިއު ކާސަލް ކުޅުނު މެޗު ސިޓީ ކާމިޔާބު ކުރީ 2-0 ންނެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ރަހީމް ސްޓާލިން އެވެ. ސިޓީ އާ ދެކޮޅަށް ސެމީގައި ނުކުންނަ އާސެނަލް ސެމީ އަށް ދަތުރު ކުރީ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 1-1 އެއްވަރު ވެފައި ވަނިކޮށް އެންމެ ފަހު ވަަގުތުގައި ޑެނީ ސެބާޔޯސް ކާމިޔާބު ކުރި ލަނޑުންނެވެ.