މެންޗެސްޓާ ޔުނައިޓެޑް

އާސެނަލް ޔުނައިޓެޑް އެއްވަރު

މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވީ އިރު، ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މެންޗެސްޓާ ސިޓީން ތާވަލުގެ އެއް ވަނަ މަގާމުގައި ދަމަހައްޓައިފި އެވެ.

ސީޒަންގެ ކުރީ ކޮޅު އުނދަގޫ ފައްތަރެއްގައި ޕެޕް ގާޑިއޯލާގެ ޓީމު އޮތް ނަމަވެސް މިހާރު އެ ޓީމުން ވަނީ މޮޅު ވުމުގެ ރޭހުގައި ރަނގަޅު ރެކޯޑެއް ދަމަހައްޓާފަ އެވެ. އެންމެ ފަހުން ކުޅުނު 12 މެޗު ވެސް ސިޓީ ކާމިޔާބު ކުރި އެވެ.

ޝެފީލްޑް ކޮޅަށް ސިޓީން 1-0 ން މޮޅުވި މެޗުގައި ލަނޑު ކާމިޔާބު ކުރީ ގެބްރިއަލް ޖެސޫސް އެވެ. ގާޑިއޯލާ ކޯޗެއްގެ ގޮތުގައި ހޯދި 500 ވަނަ މޮޅަށް ފަހު އޭނާ ބުނީ މިސީޒަންގައި ސިޓީގެ ޓީމުން ކުޅޭނެ އެންމެ އުނދަގޫ މެޗަކަށް ޝެފީލްޑް އާ ދެކޮޅަށް ކުޅޭ މެޗު ވާނެ ކަން އޭނާ މާ ކުރިން ވެސް ވިސްނި ކަމަށެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ޔުނައިޓެޑް ކުޅުނު މެޗު އެއްވަރު ވުމުން ޔުނައިޓެޑުން ވަނީ އާ ރެކޯޑެއް ގާއިމު ކޮށްފަ އެވެ. އަވޭ މެޗުތަކުގައި ބަލި ނުވުމުގެ އާ ރެކޯޑެއް ހެދުނު ނަމަވެސް މެޗުން މޮޅު ނުވެވުމުން ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ސޯލްޝަޔާ ހުރީ މާޔޫސްވެފަ އެވެ.

އަވޭ މެޗުތަކުގައި ބަލި ނުވުމުގެ ރެކޯޑް ޔުނައިޓެޑުން ވަނީ 18 މެޗަށް ދަމަހައްޓާަފަ އެވެ. އެއީ ޔުނައިޓެޑުން 1999 ވަނަގައި ސީޒަންގެ ތިން ތަށި ކާމިޔާބު ކުރި އިރު ހެދި ރެކޯޑަށް ވުރެ އެއް މެޗު އިތުރު އަދަދެކެވެ.