އާސެނަލްއާ އެއްވަރުގެ އިނގިރޭސި ޕްރެމިއާ ލީގުގެ ގަދަ ހަތަރަކަށް އަރަން މެންޗެސްޓާ ސިޓީ އަށް އަމިއްލަ ބާރު ގެއްލިއްޖެ އެވެ.
މި މެޗު 2-2އިން އެއްވަރުވުމުން ގަދަ ހަތަރަކަށް އަރަން މިހާރު އަމިއްލަ ބާރު ލިބިފައިވަނީ ސިޓީއާ އެންމެ ވާދަވެރި މެންެޗެސްޓާ ޔުނައިޓެޑަށެވެ.
އިނގިރޭސި ލީގުގައި ސިޓީ އަށް ބާކީ އޮތީ އެންމެ މެޗެކެވެ. ޔުނައިޓެޑަށް ދެ މެޗެވެ. ޔުނައިޓެޑަށް މިހާރު ލިބިފައިވަނީ 63 ޕޮއިންޓެވެ. ސިޓީ އަށް 65 ޕޮއިންޓެވެ. މިހެންވެ ސިޓީ ދެން ކުޅެން ޖެހޭ މެޗުން މޮޅުވި ނަމަވެސް ބާކީ އޮތް ދެ މެޗުން މޮޅުވެގެން ޔުނައިޓެޑަށް ސިޓީ ވައްޓާލެވޭނެ އެވެ.
މިރޭގެ މެޗުގައި ދެ ފަހަރަކު ސިޓީން ލީޑު ހޯދި އެވެ. ސާޖިއޯ އަގުއެރޯ އާއި ކެވިން ޑެބްރޫނޭ ޖެހި ގޯލުތައް ކެންސަލްވީ އޮލީވިއާ ޖީރޫޑާއި އެލެކްސިސް ސަންޗޭޒް ޖެހި ދެ ގޯލުންނެވެ.
މި މޮޅާއެކު އާސެނަލް ވަނީ 68 ޕޮއިންޓާއެކު ތިން ވަނާގަ އެވެ. ދެ ވަނާގައިވަނީ 70 ޕޮއިންޓާއެކު ޓޮޓެންހަމް އެވެ. އެއްވަނާގައިވަނީ ބާކީ ދެ މެޗު އޮއްވައި ޗެމްޕިއަންކަން ކަށަވަރުކުރި ލެސްޓާ ސިޓީ އެވެ. އެ ޓީމަށް ލިބިފައިވަނީ 80 ޕޮއިންޓެވެ.
މެޗަށް ފަހު ވާހަކަ ދައްކުން ސިޓީގެ ކޯޗު މެނުއަލް ޕެލެގްރީނީ ބުނީ އޭނާގެ ޓީމު މޮޅުވުން ހައްގު ކަމަށެވެ.
"މެޗުގެ ފުރަތަމަ 25 މިނިޓަކީ މިސީޒަނުގައި އެންމެ ރަނގަޅަށް ކުޅުނު ވަގުތުތައް. އެކަމަކު އަހަރުމެން ކުޅުނީ ވެސް ވަރުގަދަ ޓީމަކާ. އަހަރުމެން މޮޅުވުން ހައްގު. މެޗުގެ އިންޓެންސިޓީ އާއި ސްޕީޑް އަހަރެންގެ ޓީމުން ފެނުނީ ރަނގަޅަށް،" މި ސީޒަނަށް ފަހު ސިޓީއާ ވަކިވާ ކޯޗު ބުންޏެވެ.
ރޭގެ މެޗަކީ ސިޓިގެ ދަނޑުގައި އެ ޓީމަށް އޭނާ ކޯޗުކޮށްދޭ ފަހު މެޗެވެ. ނަމަވެސް ސަޕޯޓަރުންގެ ފަރާތުން މާބޮޑު ތަރުހީބެއް ފެނިގެންގޮސްފައިނުވެ އެވެ.
ކާމިޔާބު ނުލިބި ދިގުލައިދާތީވެ މި ސީޒަނުގައި އެންމެ ޕްރެޝަރު ބޮޑުވެފައިވާ ކޯޗަކީ އާސެނަލްގެ ކޯޗު އާސެން ވެންގާ އެވެ. ފާއިތުވެދިޔަ 20 އަހަރު އެ ޓީމުގެ ކޯޗުކަމުގައި ހުރި ވެންގާ މަގާމުން ވަކިކުރަން ސަޕޯޓަރުން ދަނީ ގޮވާލަމުންނެވެ. ނަމަވެސް އަންނަ ސީޒަނުގައި ކޯޗަކަށް ހުންނާނެކަން ކަށަވަރުވެފައިވާ ވެންގާ ރޭގެ މެޗަށް ފަހު ބުނީ ސިޓީ މެޗު ފެށިލެއް ރަނގަޅު ކަމުން ހައިރާންވި ކަމަށެވެ.
"އެކަމަކު ދެ ފަހަރު ފަހަރުގައި އޮވެފައި އަހަރުމެން ހަމަހަމަކުރިން. ޖުމުލަކޮށް މެޗާމެދު ހިތްހަމަޖެހޭ،" ވެންގާ ބުންޏެވެ.