މެންޗެސްޓާ ސިޓީ އާއި ޗެލްސީ މޮޅުވިއިރު އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ލިވަޕޫލް ބަލިވެއްޖެ އެވެ.
ސިޓީ މޮޅުވީ ސްޓޯކް ސިޓީއާ ވާދަކޮށް 4-1އިންނެވެ. ސާޖިއޯ އަގުއެރޯ އާއި ނޮލީޓޯ ކޮންމެ މީހަކަށް ދެ ގޯލު ޖެހިއިރު ސްޓޯކްގެ ހަމައެކަނި ލަނޑު ޖެހީ ބޮޔާން ކްރިކެވެ.
ޗެލްސީ މޮޅުވީ ފަހު 10 މިނިޓްގައި ވަޓްފޯޑް ކޮޅަށް ޖެހި ގޯލާއެކު 2-1އިންނެވެ. މެޗުގެ ފުރަތަމަ ލަނޑު 55 ވަނަ މިނިޓްގައި ކަޕޯއީ ޖަހާފައިވަނިކޮށް ޗެލްސީ މޮޅުކޮށްދިނީ ޑިއެގޯ ކޯސްޓާ އާއި މިޝީ ބަޓްޝުއާއީ އެވެ.
ލިވަޕޫލް ބަލިވީ ބާންލީއާ ވާދަކޮށް 2-0އިންނެވެ. މިރޭ ކުޅުނު މެޗުތަކުގެ ތެރެއިން ޓޮޓެންހަމް މޮޅުވީ ކްރިސްޓަލް ޕެލަސް އަތުން 1-0އިންނެވެ. އެވަޓަން މޮޅުވީ ވެސްޓް ބްރޮމްއާ ވާދަކޮށް 2-1އިންނެވެ.
މި ނަތީޖާތަކާއެކު ތާވަލުގެ ފުރަތަމަ ހަތަރު ޓީމު ވަނީ ހަ ޕޮއިންޓުން އެއްވަރުވެފަ އެވެ. ނަމަވެސް ފައިދާ ގޯލުގެ ތަފާތުން އެއްވަނާގައިވަނީ މެންޗެސްޓާ ސިޓީ އެވެ. ދެ ވަނާގައިވަނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑެވެ. ތިން ވަނާގައިވަނީ ހަލް ސިޓީ އެވެ. ހަތަރު ވަނަ ޗެލްސީ އަށް ލިބިފައިވާއިރު ތިން ޕޮއިންޓާއެކު ލިވަޕޫލް އޮތީ ނުވަވަނާގަ އެވެ. ޓޮޓެންހަމް އޮތީ ހަތަރު ޕޮއިންޓާއެކު ހަ ވަނާގަ އެވެ.